ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކޮންމެ އިންތިހާބެއް ބޯމަތިވާއިރަށް ފަސްކުރަން ކޯޓަށް ދިއުމަކީ، ހިތާމަހުރި ކަމެއް: އަލީ ވަހީދު

އިބްރާހިމް ޒަކީ

ކޮންމެ އިންތިހާބެއް ބޯމަތިވާ ދަނޑިވަޅުގައި އިންތިހާބު ފަސްކުރަން ކޯޓަށް ދިއުމަކީ، ހިތާމަހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން އެތައް ކެންޑިޑޭޓުންގެ ހައްގަށް އުނިކަންލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އިންތިހާބު ލަސް ކުރުމަށް ކޯޓަށް ދިއުމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެންމެ ބޮޑަށް އެވާހަކަ ދެކެވެނީ އަލީ ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމަށް ނިސްބަތްކޮށެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވޯޓުލާ ކޮންމެ އިންތިހާބެއް ބޯމަތިވާ ދަނޑިވަޅުގައި، އިންތިހާބު ފަސްކުރަން ކޯޓަށް ދިއުމަކީ ހިތާމަހުރިކަމެއްް. އޭގެ ސަބަބުން އެތައް ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބި ކެމްޕެއިން ސްޓްރެޓަޖީ އަށް އަސަރުކުރޭ. ވާދަވެރިކަމާއެކު މޮޅާ ބަލި ގަބޫލު ކުރަންޖެހޭ،" ކަމަށެވެ.

އިންތިހާބު ފަސް ކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވާއިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، އިންތިހާބު ފަސްކުރަން ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަށް ތައްޔާރުވެގެން ތިއްބެވި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ، އިންތިހާބު ލަސްކުރަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އެކަމަށް ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށެވެ. އަދި، އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެންމެ ފަހުވަގުތާ ޖެހެންދެންވެސް ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބާއްވަން މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރާނަމަ، ދައުލަތުން އިތުރު 20 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.