ޚަބަރު

ފިކުރެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީގެ ސްޕޯކްސްޕާސަން އަކަށް އަފްޝަން

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' އިން އަލަށް ރަޖިސްޓަރީ ކުރަން ހަމަޖެހިފައިވާ ސިޔާސީ ޕާޓީގެ ސްޕޯކްސްޕާސަން އަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯގެ އަފްޝަން ލަތީފް އައްޔަން ކުރައްވައިފިއެވެ.

ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.

ހަސަން ލަތީފް ވިދާޅުވީ، "އަޅުގަނޑުމެން އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާ ގުޅޭ ކަންކަމުގެ ސްޕޯކްސްޕާސަން އަ ކީއަފްޝަން ލަތީފް ކަމަށެވެ.

އެލްޖީއޭގެސީއީއޯގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރުމުގެ ކުރިން އަފްޝަން ހުންނެވީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުގައެވެ.

ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' އާ ގުޅިވަޑައިގެންނެވުމަށް އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި އަފްޝަން ވިދާޅުވެފައި ވަނީ، އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާއި، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން، ކުރެއްވި މަސައްކަތްތައްވެސް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ. ކައުންސިލްތަކުން މިހާރު ކުރިއަށްގެންދާ އެންމެ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައި ވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަފްޝަން ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަންގައި، އަފްޝަންގެ ފިރިކަލުން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ގެންދަވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ހާއްސަކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަމްރު ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި ދެ ފެކްޝަން އުފެދިފައިވާއިރު، އެ ޕްރައިމަރީގައި އަފްޝަން އާއި އަމްރުވެސް ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ.