ޚަބަރު

ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނު ސިޓީއާ ގުޅިގެން ސަރުކާރުން މާފަށް އެދިއްޖެ

މުހައްމަދު އިޝާން

ޓައިވާނަށް ސަފީރަކު ކަނޑައަޅަން ފޮނުވުނު ސިޓީއާ ގުޅިގެން ސަރުކާރުން މާފަށް އެދިއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ "ރިޕަބްލިކް އޮފް ޗައިނާ" އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ހުދާ އަލީ ޝަރީފް އައްޔަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރިޕަބްލިކް އޮފް ޗައިނާ" އަކީ ޓައިވާން އެވެ. ޗައިނާއަށް ދިގުކޮށް ކިޔާ ނަމަކީ "ޕީޕަލް ރިޕަބްލިކް އޮފް ޗައިނާ" އެވެ. ޓައިވާނުން ގެންދަނީ އެ ގައުމަކީ މެއިންލޭންޑް ޗައިނާއިން ވަކިވެފައިވާ މިނިވަން ގައުމެއްކަމަށް ބުނަމުންނެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ ޓައިވާނަކީ އަދިވެސް އެގައުމުގެ މެއިންލޭންޑުގެ ބައެއް ކަމަށެވެ.

ރައީސް ސޯލިހުގެ އެ ސިޓީފުޅާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވެންގް ލިޒިން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކަމާ ގުޅިގެން ސަރުކާރުން މާފަށް އެދިފައިވާ ކަމަށެވެ. ގައުމުގެ ނަން ޖެހުމުގައި ކަން ހިނގިގޮތް ފޮރިން މިނިސްޓްރީން ސާފުކޮށްދީފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ޓައިވާން، ޗައިނާގެ މެއިންލޭންޑުން ވަކިވުމަށް ކުރިއަށްގެންދާ ހަރަކާތް ކަމަށްވާ "ޓައިވާން އިންޑެޕެންޑެންސް މޫވްމެންޓް" އަށް ތާއިދު ނުކުރާ ކަމަށާއި ވަން ޗައިނާ ޕޮލިސީއަށް ތާއިދުކުރާކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

ޓައިވާން، ޗައިނާގެ މެއިންލޭންޑުން ވަކިވުމަށް ކުރާ މަސައްކަތް ބަލައިގަނެ އެއީ މިނިވަން ގައުމެއްކަމަށް ބަލައި ގަނެފައިވަނީ 15 ގައުމަކުންނެވެ. ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އިން ވެސް ޓައިވާންއަކީ މިނިވަން ގައުމެއްކަމަށް އަދި ބަލައިގެންފައެއްނުވެއެވެ.