ޚަބަރު

އިމާރާތެއްގެ މަތިން 15 ފޫޓު ދިގު ދަގަނޑު ހޮޅިއެއް ވެއްޓުމާ ގުޅިގެން އެ އިމާރާތުގެ މަސައްކަތް ހުއްޓުވައިފި

އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގެ މަތިން 15 ފޫޓު ދިގު ދަގަނޑު ހޮޅިއެއް ވެއްޓުމާ ގުޅިގެން އެ އިމާރާތުގެ މަސައްކަތް ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:35 ހާއިރު އިނޮކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ މައްޗަންގޮޅި ގެއެއްގެ ފަސްވަނަ ފަންގިފިލާ އިން 15 ފޫޓު ދިގު، 2 އިންޗި ފުޅާ ދަގަނޑު ހޮޅިއެއް ވެއްޓިފައިވާ ކަމަށެވެ.

އެ ދަގަނޑު ހޮޅި މަގުމައްޗަށް ކޮޅަށް ވެއްޓި، ހޮޅި އަރިވި ވަގުތު އެތާ ކައިރީ ޕާކް ކޮށްފައި ހުރި ދެ ސައިކަލެއްގެ މަޑިމަތީގައި ޖެހިފައިވާ ކަމަށާއި ނަމަވެސް ސައިކަލުތަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ސިޓީ ކައުންސިލަށް އަންގައިގެން ސިޓީ ކައުންސިލަރުން ވެސް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެ އިމާރާތުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިމާރާތެއްގެ މަތިން، ބަންގްލަދޭޝްގެ އަށް އަހަރުގެ ރައުޝާން ޖިއާންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާގައި އެކުއްޖާ މަރުވެފައެވެ.