ޚަބަރު

ވަކިވި ބޭފުޅުން ބޭނުންވަނީ އެމްޑީޕީގައި ވަކި ބޭފުޅުން ކޮޅެއްގެ ބާރުއެކަނި އޮންނަން: ފައްޔާޒް

އެމްޑީޕީން އިއްޔެ ވަކިވި ބޭފުޅުން ބޭނުންވަނީ ޕާޓީގައި ވަކި ބޭފުޅުން ކޮޅެއްގެ ބާރު އެކަނި އޮތުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ އެމްޑީޕީގެ 12 މެންބަރަކު އިއްޔެ ވަނީ ޕާޓީން ވަކިވެފައެވެ. އެ މެންބަރުން ވަކިވުމުގެ ކުރިން "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ތާ އަބަދު އެއް މަގާމެއްގައި ދެމިތިބުމަށް ވިސްނުމަކީ ގޯހެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ބޭފުޅުން ގިނަ ޕާޓީއެއް ކަމަށާއި އެ ފުރުސަތު އެމްޑީޕީގެ ތެރޭގައި އޮންނާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ބޭފުޅުން އަޅުގަނޑު ސިފަކުރަނީ އެއީ ވަކި ބޭފުޅުންތަކެއްގެ ބާރުވެރިކަމުގައި ސިޔާސީ ކަންކަން އޮންނަން ބޭނުންވާ ބޭފުޅުންކޮޅެއް. އެ ބާރުވެރިކަން މި ޕާޓީގައި މިއަދު ނެތުމުގެ ސަބަބުން އެ ބޭފުޅުން ވަކިވީ" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، 12 މެންބަރުން އެމްޑީޕީން ވަކިވިޔަސް ވާނެ ގެއްލުމެއް ނެތް ކަމަށާއި އާ ސިޔާސީ ޕާޓީއެއް ހައްދަވައިގެން އެ ބޭފުޅުން ބޭނުންވާ ކަންކަން ކުރަން އުޅުމަކީ މައްސަލައެއް ނޫން ކަމަށެވެ.