ޚަބަރު

އިންޑިއާ ސަރުކާރުން ހަދިޔާކުރި ލެޑް މަގުބައްތިތައް ބޭނުންކުރަން ފަށައިފި

އިންޑިއާ ސަރުކާރުން ހަދިޔާކުރި ލެޑް މަގުބައްތިތައް ބޭނުންކުރަން ފަށައިފިއެވެ.

އިއާދަކުރަނިވި ހަކަތައާއި އެނާޖީ އެފިޝިއަންސީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި އިންޑިއާ ސަރުކާރުގެ އެނާޖީ އެފިޝިއަންސީ ލިމިޓެޑާ ދެމެދު މިމަހުގެ 17 ވަނަ ދުވަހު ސޮއިކުރެއްވުނު އެމްއޯޔޫގެ ދަށުން އިންޑިއާ ސަރުކާރުން ހަދިޔާކުރާ 2500 ލެޑް މަގުބައްތީގެ ތެރެއިން 500 މަގުބައްތި މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ލިބިފައިވާ 500 މަގުބައްތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަގުތަކުގައި ހުރި ލެޑް ނޫން ބޮކިތައް ކަރަންޓު ހަރަދުކުޑަ ލެޑް ބައްތިއަށް ބަދަލުކުރުމަށް ކަމަށެވެ.

އެގޮތުން މަގުބައްތިތައް ބޭނުންކުރަން ފެށުމުގެ ގޮތުން މާލޭގެ އިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރަން މިއަދު ވަނީ ފަށައިފައެވެ. އިއްޒުއްދީން މަގުގައި ހުރި ބޮކިތައް ބަދަލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަގުގައި ހުރި ބޮކިތައް ލެޑް ބޮކިތަކަށް ބަދަލުކުރުން ފައްޓަވައިދެއްވީ އެންވަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ޝަރީފް ހުސައިނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ވިދާޅުވީ އިންޑިއާ ސަރުކާރުން ހަދިޔާކުރާ 2500 ބައްތި ހަރުކޮށް ކޮންމެ ދުވަހެއްގެ 12 ގަޑިއިރު އެ ބައްތިތައް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް 480 ކިލޯވޯޓުއަވާގެ ހަކަތަ ސަލާމަތް ކުރެވޭނެ ކަމަށާއި އެއީ ދުވާލަކަށް 40 ގެއަށް ބޭނުންވާ ކަރަންޓާ އެއްވަރު އަދަދެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔަ ނަމަވެސް، ހަކަތަ ސަމަކާރަ ކުރުމަކީ ފަރުދީ ފެންވަރުން ފެށިގެން އޮފީސްތަކާއި ކުންފުނިތަކުން ކުރެވޭނެ ކަމެއް ކަމަށާއި އަދި މީހުންގެ ދިރިއުޅުމުގެ ފެންވަރު އިތުރުވަމުންދާ މިންވަރުން ހަކަތަ ބޭނުންކުރާ އާލާތްތައް ގޭބިސީތަކުގައި ބޭނުންކުރާ މިންވަރު ވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ބޭނުންކުރާ އާލާތްތަކަކީ ހަކަތައިގެ ސަމަކާރަ ލޭބަލް ޖަހާފައިވާ ހަކަތަ މަދުން ބޭނުންކުރާ އާލާތްތަކަށް ވުން ވަރަށް މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ހުސައިންގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އިންޑިއާގެ އެނާޖީ އެފިޝިއަންސީ ސާވިސް ލިމިޓެޑުގެ ބޭފުޅުން އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.