ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަނެއްކާވެސް އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ރާއްޖެ ވަނީ މިސްރާބު ޖަހާފައި: ރައީސް

އަނެއްކާވެސް ކުރީގައި އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ބާރަށު ދާއިރާއަށް ވާދަކުރައްވާ އަހްމަދު އަބްދުﷲގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހއ. އުތީމުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ފެށިގެން އައި އިރުގައި، މިސްރާބު ހުރީ ކޮން ދިމާލެއްގައިތޯ ބެއްލެވި ކަމަށާއި އެމަނިކުފާނަށް ފެނުނު މަންޒަރު ރަނގަޅެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ފެނުނީ އަނެއްކާވެސް މި ރާއްޖެ އެނބުރި، ކުރީގައި އޮތް އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް މިސްރާބު ޖަހާފައި ހުރި ތަން. އަޅުގަނޑުގެ ވާޖިބެއް، އަޅުގަނޑުގެ މަސްއޫލިއްޔަތެއް، ތިބޭފުޅުން އަޅުގަނޑާ ހަވާލުކުރި މަސްއޫލިއްޔަތު ކުރެވޭތޯ މަސައްކަތްކުރުން. މިއަދު އަޅުގަނޑު މިކުރަނީ އެ މަސައްކަތް. މެނިފެސްޓޯއަށް ތާއީދުކުރާ، އެޖެންޑާ 19އަށް އިތުބާރުކުރާ، ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމުގެ މަސައްކަތް އަޅުގަނޑު މިކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިނީ ރާއްޖެ ބަދަލުކުރަން އަދި ތަރައްގީކުރަން ބޭނުންވާތީ ކަމަށާއި ރާއްޖޭގައި އަދި ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ވައްކަން އަދި އަނިޔާވެރިކަން ހުއްޓުމަކަށް ގެންނަން ބޭނުންވާތީ ކަމަށެވެ.

"ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ އެ އުންމީދުގައި. އެ ބަދަލު ގެނެސްދޭނެ ކަމުގެ ޔަގީންކަމާއެކީގައި. އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމާ އެކީގައި އަޅުގަނޑު ފުރަތަމަ ވެސް މަސައްކަތް ފަށައިގަތީ އޭރު އެވީ ވައުދުތައް ފުއްދުމަށް. ޓާގެޓެއް ކަނޑައެޅި، 100 ދުވަހުގެ ތެރޭގައި ވަކި ކަންތައްތަކެއް ހާސިލުކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ 90 ދުވަސް ހަމަވެގެންދިޔަ އިރުގައި އޭގެ ތެރެއިން މިއަދު މިވަނީ 83 ޕަސަންޓް ހާސިލުކުރެވިފައި. އެކަންތައްތައް ހާސިލުވެގެންދިޔައީ އަޅުގަނޑުމެންގެ ގުޅިފައި އޮތް ކޯލިޝަނުގެ ފަރާތުން މިނިސްޓްރީތައް ހިންގަވަން ތިއްބެވި ވަޒީރުންނާއި އަދިވެސް އެހެނިހެން މުވައްޒަފުން ކުރި ބުރަ މަސައްކަތުން،" އެމަނިކފުނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ މަގުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ކުރުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް އިސްލާހުކުރަން ބޭނުންވާތީ އެކަންތައްތައް މިހާރު މަޖިލީހަށް ހުށަހެޅިފައިވާނެ ކަމަށާއި ބޭނުންވާ ރަނގަޅު ނަތީޖާ ނެރުމަށްޓަކައި އިސްލާހުކުރުމަށްޓަކައި އަދި ތަރައްގީކުރުމަށްޓަކައި ގާނޫނީ އޮނިގަނޑުތަކަށް ބަދަލު ގެންނަން އެބަޖެހޭ ކަމަށެވެ. އެ ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެޖެންޑާ 19އަށް، އަދި ސަރުކާރުގެ މެނިފެސްޓޯއަށް ތާއީދުކުރާ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.