އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓްގައި ހުރި 100 މިލިޔަން ރުފިޔާ އަކީ ކަނޑައެޅިގެން ވަގަށް ންގާފައިވާ ފައިސާ ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ފައިސާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ހއ. ކެލާ ގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކްރިމިނަލް ކޯޓުން ފްރީޒްކުރި ރައީސް ޔާމީންގެ އެކައުންޓްތައް ހައިކޯޓުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 100 މިލިޔަން ރުފިޔާއަކީ ވޭތުވެދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށްދިން ފައިސާކަމަށް ރައީސް ޔާމީން ވިދާޅުވާއިރު ކެމްޕެއިން ނިމުނުއިރުވެސް ފައިސާ ހަރަދު ކޮސްފައިނުވާ ކަމަށެވެ.
"ރައީސް ޔާމީން ހޯއްދެވި ފައިސާ ދެންމެ ކޯޓުން ބުުނެފި އެފައިސާ ދެން ގަނޑެއް ނުކުރެވޭނެޔޭ އެފައިސާތައް ދޫކޮށްލީ. ސަތޭކަ މިލިޔަން ފުރިހާ ހޯއްދެވީ ކޮންތަނަކުންތޯ ސުވާކުކުރަން ބޭނުން. ވިދާޅުވީ ކެމްޕެއިނަށް ދިން ފައިސާއޭ. ކެމްޕެއިން ނިމިއްޖެ ހަރަދެއްނުކުރި. އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕެއިނަށް ދޭ ފައިސާ ވެސް ރިސިޕްޓްއާ އެކީގައިކަން އަންނަނީ. ކާކުތޯ ފައިސާދިނީ. އެއީ ވަގަށް ނަގާފައިވާ ފައިސާ. ކަނޑައެޅިގެން ވަގަށް ނަގާފައިވާ ދިވެހި ރައްޔިތުންގެ ފައިސާ އެ ފައިސާއެއް ދުލެއް ނުކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރިޝްވަތުގެ ގޮތުގައި މީހުންނަށް ބަހައި މާތް ރަސްކަލާންގެ ނަހީކުރައްވާފައިވާ ހުރިހާކަމެއްކުރަން އެ ފައިސާ ނުދެވޭނެ ކަމަށެވެ. އަދި އެ ފައިސާ ވަންނަންޖެހޭނީ ދިވެހި ދައުލަތުގެ ހަޒާނާއަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ފައިސާ ހުންނާނީ ބޭންކުގަ އެ ފައިސާ ދެން ވަންނަންޖެހޭނީ ދިވެހި ދައުލަތުގެ ހަޒާނާއަށް. އެ ނޫންތަނަކަށް އެ ފައިސާ ވަންނާނެ ކަމެއްނެތް. އެއީ ތިބޭފުޅުންގެ ފައިސާ. އެއީ ރާއްޖޭގެ ރައްޔިތުންގެ ފައިސާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.