ޚަބަރު

ވެރިކަމަށް ގެނައުމަށް ގުރުބާނީވި ތިން މެންބަރުންނާ ދެކޮޅަށް ރައީސް ކެމްޕެއިން ފެއްޓެވުމުން އަސަރުކޮށްފި: ލަތީފް

އިބްރާހިމް ޒަކީ

1

ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ގޮނޑި ގެއްލުނު ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ތެރެއިން ތިން މެންބަރުން ނިސްބަތްވެ ވަޑައިގަންނަވާ ބޮޑު ތިލަދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން އެ މެންބަރުންނާ ދެކޮޅަށް މަޖިލިސް އިންތިހާބުގައި ކެމްޕެއިން ފެއްޓެވުމުން ވަރަށް އަސަރުކޮށްފިކަމަށް އެ 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިޝާރާތް ކުރައްވައި އަބުދުއްލަތީފް ވިދާޅުވީ، އެ 12 މެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާތަކުގައި އެބޭފުޅުންނާ ދެކޮޅަށް ކެމްޕެއިން ކުރެއްވުމަކީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ ހިލާފުވުން ކަމަށެވެ.

ލަތީފް ވިދާޅުވީ، ޕާޓީގެ އިސް ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީއަށް ރައީސް ކޮށްދެއްވަންޖެހޭ ކަންތައް ކޮށްދިނުމަކުން މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ 12 މެންބަރުން ހިމެނޭ ދާއިރާއަށް އެ ބޭފުޅުންނާ ދެކޮޅަށް އެހެން ބަޔަކު ނުނެރުއްވާނެ ކަމަށް ވިދާޅުވެ އެއާ ދެކޮޅަށް ކަންތައް ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ލަތީފް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެ 12 މެންބަރުންނާއެކު އެތައް ބައެއްގެ މަސައްކަތުން ކަމަށާއި، ދުވަހަކުވެސް އެކަން ހަނދުމަފުޅު ނުނެތޭނެ ކަމަށް ރައީސް ކުރިން ވިދާޅުވި ނަމަވެސް އެމަނިކުފާނު މިހާރު އެކަން ހަނދުމަފުޅު ނުވާ ކަމަށެވެ.

އީސީން ގޮނޑި ގެއްލުނުކަމަށް މީގެ ކުރިން ނިންމުމާ ގުޅިގެން، ގޮނޑި ގެއްލުނު 12 މެންބަރުންގެ ގޮތުގައި މަޝްހޫރުވެފައިވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

ފަހުން މި މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟