އިބްރާހިމް ޒަކީ
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދުގައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރީ ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ރަޖިސްޓްރީ ނުކުރުމަކީ ސަބަބެއް ކަމަށް ބަލައި މަންދު ކޮލެޖު އުވާނުލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އަމަލު ކުރުމުގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ތަންތަން އެ ގާނޫނުގެ ދަށުން އަލުން ރީ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބައި ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ގޮތެއް ކަނޑައަޅަންދެން މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅުއްވީ، މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް އިސްމާއީލް (އިބުރާ) އެވެ.
އެ ގާނޫނު ވުޖޫދަށް އައިއިރު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ މަތީ ތައުލީމުދޭ ތަންތަން އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާކަން ފާހަގަކުރައްވައި ހައިކޯޓުގައި އިބުރާ ވިދާޅުވީ، ގާނޫނުގައި ނެތްކަމެއް ގަވާއިދުގައި ހިމަނައިގެން މަންދު ކޮލެޖު އުވާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މަތީ ތައުލީމުދޭ ތަންތަން ރީ ރަޖިސްޓްރީކުރަން ޖެހޭގޮތަށް ހަދާފައިވާ ގަވާއިދަކީ، ގާނޫނު އަސާސީއާއި ގާނޫނުން ބޭރުގައި ހަދާފައިވާ ގަވާއިދެއް ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުގައި އޮންނަނީ އެ ގާނޫނު ވުޖޫދަށް އައިއިރު ހިނގަމުންދާ މަތީ ތައުލީމުދޭ އެކި މަރުކަޒުތަކުގެ ތެރެއިން އެހާތަނަށް ރަޖިސްޓްރީ ކުރުމެއްނެތި ހިންގަމުންދިޔަ ތަންތަން ވަކި މުއްދަތެއްގެ ތެރޭގައި ރަޖިސްޓްރީކޮށް ނިންމަންވާނެއޭ، ނަމަވެސް އެ އެކްސްޓެންޑް ކުރައްވައިގެން ގަވާއިދުގެ ތެރޭގައި ލިޔުއްވާފައި މި އޮންނަނީ މިހާތަނަށް ރަޖިސްޓްރީ ކޮށްގެން އައި ތަންތަން ވެސް ވަކި މުއްދަތުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަަމަށް. އެކަމަށް އިންކާރުކޮށް އެ ވުޒާރާއަށް ދެންނެވިން ގާނޫނުގެ ބޭރުން އެންގެވި އެންގެވުމެކޭ، ނަމަވެސް އަނެއްކާވެސް އެންގެވީ މިއޭ މިކަން ކުރަން ޖެހޭނެ ގޮތަކީ، ނަމަވެސް ގާނޫނުއަސާސީގައި އެބަބުނޭ ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވެއޭ، އެހެންވީމާ މިއަށް ގޮތެއް ކަނޑައެޅެންދެން ތި އަމުރަކަށް ކިޔަމަން ނުވާނެ ކަމަށް އަންގާފައިވަނީ،"
އިބުރާ ވިދާޅުވީ މަންދު ކޮލެޖަކީ 1998 ވަނަ އަހަރު ރަޖިސްޓްރީކޮށްގެން، ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހިންގަމުން އަންނަ ތަނެއް ކަމަށެވެ. ދިގު މުއްދަތެއްގައި އެތަކެއް، މަސައްކަތްތަކެއް ކޮށް ގިނަ އަދަދެއްގެ ފައިސާ އެތަނަށް އިންވެސްޓް ކޮށްފައިވާ ކަމަށާއި، ގިނަ އަދަދެއްގެ މުވައްޒަފުންނާއި ދަރިވަރުންގެ ވަރަށް ގިނަ ހައްގުތައް އެތަނުގައި އެކުލެވިގެންވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި މައްސަލައިގައި ބާތިލުކުރުމަށް އެދިފައިވާ ގަވާއިދުތަކުގެ ދަށުން އަމަލު ނުކޮށްފިނަމަ ކޮލެޖު އުވާލާނެ އަދި ކުރިއަށް އޮތް ސެމިސްޓާގައި ދަރިވަރުން އެންރޯލް ކުރުމަށް އިއުލާންކޮށް އެކަން ހިންގޭނޭ ގޮތެއް ނޯންނާނެ. އެހެންކަމުން މި މައްސަލަ ނިމުމާ ހަމައަށްދާއިރު މައްސަލަ އުފެދިފައިވާ ގޮތަށް ކޯޓުން ނިންމެވި ނަމަވެސް ކޮލެޖު ހުންނާނީ ވުޖޫދުން ނެތިގެން ގޮސްފަ،"
އެހެންވެއްޖެ ނަމަ މާލީ ގޮތުން ފޫ ނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބުމުގެ އިތުރުން، 25 އަހަރުވަންދެން ޕްރައިވެޓް ސެކްޓަރަށް އަމާޒުކޮށްގެން މެދުނުކެނޑި ހިންގަމުން އަންނަ އޮންލައިން ކޯސްތަކުގަ އާއި، އެ މަރުކަޒުގައި އެކި ދާއިރާތަކުން އެކި ފެންވަރުގައި ކިޔަވަމުން އަންނަ އެތައް ސަތޭކަ ދަރިވަރުންނަށް ލިބޭނެ ގެއްލުންތަކާއި މުވައްޒަފުންނަށް ލިބޭނެ ގެއްލުންތައް އިބުރާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދުސްތޫރީ އެ މައްސަލަ ނިމެންދެން ތިން ކަމަކަށް އަމާޒުކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އިބުރާ ހުށަހެޅުއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ދުސްތޫރީ މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އަލުން ރަޖިސްޓްރީ ނުކުރުން އެއީ ސަބަބަކަށް ބަލައިގެން މަންދު ކޮލެޖު އުވާލައިގެން ނުވާނެ ކަމަށް ހަޔާ އެޑިއުކޭޝަންގެ މައްޗަށް އަމުރުކޮށްދިނުމާއި، ދައުލަތުގެ އިދާރާތަކުން އެހެންވެސް މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދެމުން އަންނަ ހިދުމަތްތަކާއި ފުރުސަތުތައް ތަފާތު ކުރުމެއްނެތި މިހާރެކޭވެސް އެއްގޮތަށް މަންދު ކޮލެޖަށްވެސް ދެމުން ގެންދިއުމާއި، މަންދު ކޮލެޖު ހިންގަން މިހާތަނަށް ދީފައިވާ އެއްވެސް ހުއްދައެއް މިހިނދަށް ބާތިލު ނުވާނެ ކަމަށް ކަނޑައަޅައިދިނުމެވެ.
އެ މައްސަލައަށް ދައުލަތުގެ ފަރާތުން ރައްދުދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސިލް އަމްހަދު ނަޝާތު ވިދާޅުވީ، އެ ގަވާއިދުތަކަކީ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ގާނޫނުގެ ދަށުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުތަކެއް ކަމަށެވެ.
އެއީ އަހަރުދުވަސް ވެފައިވާ ގަވާއިދެއް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަން ކޯޓުތަކުން ނިންމާފައިވާ ގޮތަށް ބަލާއިރު ވަގުތީ އަމުރަކާ ނުލައި އެކަމެއް ގިނަދުވަސްވުމަކީ ވަގުތީ އަމުރު ނެރުމުގެ އިހުތިމާލު ކުޑަވާކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ވަގުތީ އަމުރެއްގެ ޒަރީއާއިން ފަރުވާއެއް ހޯދަން ޖެހޭ ބަހުސެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި މަންދު ކޮލެޖަށް ގެއްލުންތަކެއް ވާނެ ކަމަށް އެ ފަރާތުން ބުނާއިރު އެކަން ސާބިތުކުރުމަށް ލިޔުމެއް އަދި ހެއްކެއްވެސް ހުށަހަޅާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. ހަމަ އެގޮތަށް އެތަނަށް ކުދިން ވައްދަން އިއުލާންކޮށްފައިވާ ކަމަށް ބުނާއިރު އެކަމާބެހޭ ލިޔުމެއް ހިމަނާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ކަންތައްތަކަށް ބަލާއިރު އެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަކީ، ނެރެދޭން ޖެހޭނެ އަމުރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އިބުރާ ހުށަހެޅުއްވި ކަންތައްތަކަށް ހައިކޯޓުން މިއަދު ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.