ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓު ސައިޓަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވައިފި

މަރިޔަމް ޝަހުދާ

ހއ.ހޯރަފުށީ އެއާޕޯޓު ސައިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ސޯލިހު ހޯރަފުށީ އެއާޕޯޓު ސައިޓަށް ޒިޔާރަތްކުރައްވާފައިވަނީ އެމްޑީޕީގެ މަޖިލީހުގެ ކެމްޕެއިންގަައި އެކި ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ޒިޔާރަތުގައި ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާގޮތް ރައީސް ސޯލިހު ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ ކުރިން ހއ އަތޮޅުގައި އެއާޕޯޓު ހެދުމަށް ހަމަޖެހިފައި އޮތީ އެއަތޮޅު މާފިނޮޅުގައެވެ. މިދިޔަ ސަރުކާރުން ވަނީ އެމަސައްކަތް އެމްޓީސީސީއާ ހަވާލުވެސް ކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހޯރަފުށީގައި އެއާޕޯޓު ހެދުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.