ހައިކޯޓު

ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓުން ދާދި ދެންމެ ބާތިލްކޮށްފި އެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒްކޮށްފައެވެ.

ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

އެ ދުވަހުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ރާއްޖޭގައި ހުރި، ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ.

އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.

މަނީ ލޯންޑްރިންގެ މައްސަލައަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެމަނިކުފާނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ވެސް ބާތިލްކުރައްވައިފައެވެ.

އަދި ހައިކޯޓުން ޔާމީން ދޫކޮށްލަން އަމުރުކޮށް، އެމަނިކުފާނު ވަނީ ދޫކޮށްލައިފައެވެ.