މެރިޓް ސްކޮލަޝިޕްގެ ނަމުގައި މިއަހަރު ސްކީމެއް ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި މެރިޓް ސްކޮލަޝިޕް ސްކީމު ފެށުމަށް ނިންމަވާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
"މަތީ ތައުލީމު ހާސިލުކުރުމަށް އަދިވެސް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑު މިހާރު ނިންމާފައިވާ ވާހަކަ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުން. އެއީ މެރިޓް ސްކޮލަޝިޕްގެ ނަމުގައި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަލަށް ފެށުމަށް ސަރުކާރުން ގަސްދުކުރާ ސްކޮލަޝިޕް ސްކީމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މެރިޓް ސްކޮލަޝިޕް ލިބޭނީ، ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވާސް ސްކޮލަޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް ކަމަށާއި އެއީ އެ ދަރިވަރަކު ޔުނިވާސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، "އޭ ސްޓާ" ހޯދާ ދަރިވަރުންނަށް ހާއްސަކުރާ ސްކޮލަޝިޕެއް ކަމަށެވެ. އަދި އެ ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިންގެ ސިކުނޑިތައް ޒަމާނީ ތައުލީމުން ތަރައްގީކުރަން. ސްކޮލަޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީގީ މަގުސަދަކީ އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ މަގުގައި މިހާރު އާދެވިފައި މިތިބަ ހިސާބަށް ބަލާ އިރު، އަންހެން ފިރިހެން ތަފާތު ނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީން ދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށާއި ހަގީގީ ތަރައްގީއަކީ ތައުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމައަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށްވުން ކަމަށެވެ.
މިރޭ ބޭއްވި ޖަލްސާގައި މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންގެ މަގާމު ހާސިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް 17 ދަރިވަރަކު ހާސިލުކުރިއެވެ. އަދި ހައި އެޗީވާސް ސްކޮލަޝިޕް 138 ދަރިވަރަކު ހާސިލުކުރިއެވެ.