ޚަބަރު

މާލޭގެ މަގުތައް ބަލަހައްޓަން 78 "މަގުފާރަވެރިން" ނެރެފި

މުހައްމަދު ޖަމްޝަތް ވަހީދު

3

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ނެގި މަގުފާރަވެރިންނަށް މަސައްކަތުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މަގުފާރަވެރިންނަކީ މާލެ ސިޓީ ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގައި މަސައްކަތް ކުރާ މީހުންނެވެ. އެގޮތުން ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި "މަގުފާރަވެރިން" ގެ ގޮތުގައި 78 މުވައްޒަފަކަށް މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަންހެނުންނާއި 60 ފިރިހެން މުވައްޒަފުންނެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ދަށުން މަގުފާރަވެރިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލެ 8 ޒޯނަކަށް ބަހާލައިގެންނެވެ. މި ޔުނިޓު ބަލަހައްޓައި ހިންގުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

މަގުފާރަވެރިންނާ ރަސްމީކޮށް މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަސައްކަތަކީ ދައުރު ފެށުނީއްސުރެ ކައުންސިލުގެ ހުރިހާ މެންބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށެވެ. މަގުފާރަވެރިންނަކީ "ޗާލު މާލެ ސިޓީ"އެއް ގާއިމުކުރުމަށްޓަކައި ކައުންސިލުން ކަނޑައެޅި އަމާޒުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ޓީމުކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

"މިއީ ބޮޑު ޒިންމާއެއް. އަޅުގަނޑުމެން މިކަން މި ފެށީ ސަރުކާރުން ދޭ ބްލޮކް ގްރާންޓުގެ ތެރެއިން ނުވަތަ ސަރުކާރުން އެދޭ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް އަޅުގަނޑުމެން މި ކުރަނީ. މާލެ ސިޓީ ކައުންސިލުގެ މަސައްކަތް ފުޅާވެގެން ދާއިރު މިކަމުގެ ސަބަބުން ވަރަށް ގިނަ ދިވެހި ރައްޔިތުންށް ވަޒީފާ ލިބިއްޖެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މަގުފާރަވެރިންގެ ޔުނިޓަކީ އާއްމުން ކުށްވެރިކޮށް ފިޔަވަޅު އަޅަން އުފެއްދި ޔުނިޓެއް ނޫން ކަމަށާއި އެ ޔުނިޓުގެ މަސައްކަތަކީ އާއްމުން އެދޭ ގޮތަށް މާލެއަކީ އަމާން، ހިތްފަސޭހަ، އަދި ޗާލު ތަނަކަށް ހެދުމަށް ރައްޔިތުންނާ ގުޅިގެން މަގުދައްކައިދިނުން ކަމަށެވެ.

މި ޔުނިޓު އުފެއްދުމަށް ސިޓީކައުންސިލުން ނިންމީ އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ.

މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  • މަގުމަތީގައި އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލުން
  • ޕާކުކޮށްފައިވާ އުޅަނދުތައް ޕާކުކޮށްފައި ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން
  • މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓުކުރުން
  • އިމާރާތް ކުރުމަށް މަގު ބަންދުކުރަނީ ހުއްދަ ދީފައިވާ ވަގުތުތަކުގައިތޯ އަދި މިންވަރަށްތޯ ބެލުން
  • މަސައްކަތް ނިމުމުން ފެންސު ނަގާ ސާފްކުރުމުގެ ކަންކަން ދާ ގޮތް ބެލުން
  • މަސައްކަތް ކުރަނީ އިމާރާތް ކުރުމަށް ދެވޭ ހުއްދަތަކާ އެއްގޮތަށްތޯ ބެލުން
  • އިމާރާތްތަކުގެ ފެންހޮޅިތަކާއި، ކެފޭ/ރެސްޓޯރެންޓުގެ ދުން ހޮޅިތައް ހުންނަނީ އާންމުންނަށް އުނދަގޫ ނުވާނޭ ގޮތަށްތޯ ބެލުން
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟