އެމްޑީޕީގެ ކުރީގެ ސަރުކާރުގައި މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމުން ވެރިކަން ހިންގުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ އެޖެންޑާ 19 ޖަލްސާގައި ވާހަކަފުޅުދައްކަމުން އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ހިނގައިދިޔަ އެކި ކަންކަމަށް ރައީސް ސޯލިހު ވަނީ އަލި އަޅުއްވައިލައްވައިފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ދިނުމުން މަޖިލީހުގެ ތެރޭ ކަން ހިނގައިދިޔަ ގޮތް އެންމެނަށް ފެނިގެންދިޔަކަމަށެވެ.
ރައީސް ވިދާޅުވީ އޭރުގެ މަޖިލީހުން ސަރުކާރު ހިންގުން ހުއްޓުވާލިކަމަށެވެ. އެގޮތުން މާލިއްޔަތު ގާނޫނު ބަދަލުކޮށް، އޭރު އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ލާމަރުކަޒީ ގާނޫނު ފުނޑާލިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރަށް ލިބިފައިވާ އެތައް ބާރަކަށް މަޖިލީހުން ހުއްޓުމެއް ގެނައި ކަމަށް ރައީސް ވިދާޅުވިއެވެ.
އޭރުގެ މަޖިލީހުގައި ކަން ހިނގާ ދިޔަގޮތުން އޭރު އެމްޑީޕީން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ލާމަރުކަޒީ ނިޒާމް އޭރު ނުގެނެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އޭރުގެ އެމްޑީޕީ ސަރުކާރު ހިންގުމަށް އުނދަގުލާއި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.