ޖޫން 2021ގައި ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށް ލައި އެއްލާލާފައި އޮތްވާ ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އިބްރާހިމް ޒިހާންއާ ދެކޮޅަށް ދައުލަތުން 79 ހެއްކެއް ހުށަހަޅައި ހެކިބަސް ނަގަން ފަށައިފިއެވެ.
އެ މައްސަލާގައި ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށް ވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ކުޑަ ކުއްޖާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ޒިހާންއާ ދެކޮޅަށް ޝަފަހީ 79 ހެކި ހުށަހެޅިއިރު އޭގެ ތެރޭގައި 16 ސިއްރު ހެކިވެރިޔަކުވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ދެ ހެކިވެރިއެއްގެ ހެކިބަސް މިއަދު ކޯޓުގައި ވަނީ ނަގައިފައެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ޒިހާންގެ ބަންދު ދަމަހައްޓަންވެސް މިއަދު ވަނީ ނިންމައިފައެވެ.
ޒިހާން މަރާލި ކަމަށް ތުހުމަތުވާ އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ 22 ޖޫން 2021ގެ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.