ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖޭގައި އެންމެ ހުދުމުހުތާރު އަދި އަނިޔާވެރި ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

2

ދިވެހި ރާއްޖޭގައި އެންމެ ހުދުމުހުތާރު އަދި އަނިޔާވެރި ވެރިކަމެއް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ހދ. ހަނިމާދޫގައި ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ކުރީގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތުން މީގެ ކުރިން ދުވަހަކުވެސް ވައްކަން ކޮށްފައި ނުވާ ވަރަށް ވައްކަމާއި ހިޔާނާތަށް އަރައިގަނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކަން މިހެން ހިނގާފައިވާ އިރުވެސް ކުރީގެ ރައީސް އަދިވެސް އަލުން އަނބުރާ އެބާރު ދިނުމަށް ވިދާޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަލުން އަނބުރާ ރާއްޖެ އަނދަވަޅަކަށް ވައްޓައިލުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް އެދެވަޑައިގަތެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގެ ފަހު ދެތިންދުވަހު ކުރީގެ ސަރުކާރުން ކަންކުރެއްވި ގޮތުން މިކަން ފެނެއެެވެ. އެގޮތުން ސަރުކާރު ކުންފުންޏެއް ކަމަށްވާ އެމްޕީއެލް އިން ޑޮލަރު ގަތުމުގެ ނަމުގައި 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެމްއެމްޕީއާރުސީއަށް ނަގައި އެފައިސާ އެ ބޭފުޅުންގެ ކެނޑިޑޭޓުންނަށް ދީ ވޯޓު ވިއްކައިގެން އެއަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދާ ހަމައަށްވެސް އެމްޕީއެލް އިން ނެގި ފައިސާ އަނބުރާ ނުދައްކާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީނަށް އަލުން ބާރު ލިބިވަޑައިގެންފި ނަމަ ރައްޔިތުން ތިބެން ޖެހޭނީ ކުރީން ވެސް ތިބި ހާލުގައި ކަމަށާއި ރައްޔިތުން ވެރިކަން ބަދަލުކުރީ އެ ހާލުގައި ތިބެން ބޭނުން ނުވާތީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟