ރައްޔިތުން މަޖިލީހުގެ ކެމްޕެއިނަށް ނިކުންނެވީ އިންތިޚާބުގެ މިސްރާބު ހުރިގޮތުން ކުރިން އޮތް ތަނަށް ރާއްޖެ ހިނގައިދާނެ ކަމުގެ ބިރުފުޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ހދ. ހަނިމާދޫގައި ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިއްމު ތަނަކަށް ވާއިރު، އެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރުމުގައި ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އިންތިހާބު ފެށިގެން އައިއިރު އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ ގޮތް ބައްލަވަމުން ގެންދެވި ކަމަށާއި ނަމަވެސް ކެމްޕެއިން މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ކެމްޕެއިންގެ މިސްރާބު ދާ ގޮތުން އަލުން ރާއްޖެ ކުރިން އޮތް ގޮތަށް ހިނގައިދާނެ ކަމުގެ ބިރު ހީފުޅުވާން ފެށުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އަދާ ކުރުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވައުދުތައް ގަބޫލު ކުރާ، ސަރުކާރުގެ ވައުދުތައް ފުއްދައިދޭނެ މަޖިލީހެއް ހޮވުމަށް އެމަނިކުފަނު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.