ބޮޑު ތިލަދުންމަތި ސަލާމަތްކުރެވެން އޮތީ އެމްޑީޕީގެ މެންބަރުންނަށް ވޯޓުލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫގައި މިއަދު ހެނދުނު ކުރިއަށްދިޔަ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ މުޅި ރާއްޖޭގެ އެކި ހިސާބު ތަކުގައި ހުރި ހުރިހާ ފަޅު ތަކާއި ފަޅު ރަށްތައް މިދިޔަ ސަރުކާރުން ވިއްކާލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި ހާރު ހަމައެކަނި ސަލާމަތުން ހުރީ ބޮޑު ތިލަދުންމަތި ފަދަ މަދު ސަރަހައްދެއްގެ ފަޅުރަށްތައް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑު ތިލަދުންމަތި ސަލާމަތްކުރަން ބޭނުންނަމަ، ޕީޕީއެމް އަދި ޕީއެންސީއަށް ވޯޓުލައިގެން އެކަން ނުވާނެކަމާއި، ބޮޑު ތިލަދުންމަތި ސަލާމަތްވާން އޮތީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހޮވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފަހު ބޮޑު ތިލަދުންމައްޗަށް އެމަނިކުފާނު ވަޑައިގެންނެވި މިއީ ފުރަތަމަ ދަތުރުފުޅުކަމަށް ވާތީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބޮޑުތިލަދުންމަތީން ދިން ފުރިހަމަ ތާއީދު ފާހަގަކުރައްވައި ރައީސް ވަނީ އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ކެމްޕޭން ފެށިގެން އައި އިރު އެމަނިކުފާނު ހުންނެވީ ބަލަހައްޓަވައިގެން ކަމަށާއި އެހެން ނަމަވެސް ކެމްޕޭނަށް ނިކުންނަވަން ޖެހިވަޑައިގެންނެވީ ރާއްޖެ ކުރީން އޮތް ތަނަށް އަނެއްކާވެސް ހިނގައިދާނެ ކަމުގެ ބިރުފުޅަށް ކަމަށެވެ.
ރައްޔިތުން އެމަނިކުާނު ހޮއްވެވީ އެ ބިރުވެރިކަމާއި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރަން ކަމަށާއި އެހެން ކަމުން އެކަމަށް ޓަކައި ކުރައްވާން ޖެހިވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.