ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ކަންކަން ހިންގާނެ ގޮތް ބަޔާންކުރާ އުސޫލު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަނުން އިއްޔެ އާންމުކުރި "ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު" ގައިވާ ގޮތުން ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް ހަރަދު ކުރާނީ ދަރިވަރުގެ ޕްރޮގްރާމް ފީއަށެވެ. އެގޮތުން ސަރުކާރުން ހަރަދު ކުރާނ، ޕްރޮގްރާމް ފީ ދިނުމަށް ސަރުކާރުން ކަނޑައަޅައި މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް އިއުލާނުކޮށްފައިވާ ދާއިރާތަކަށް ކަމަށް އުސޫލުގައިވެއެވެ.
ފައިސާ ލިބިގެން ކިޔަވަމުންދާ ދަރިވަރަކު ކިޔަވަމުންދާ ޕްރޮގްރާމް ބަދަލު ކުރެވޭނީ އެންމެ ފަހަރަކު ކަމަށާއި އެގޮތަށް ކިޔަވަމުން ޕްރޮގްރާމް ބަދަލުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެން، ކަނޑައަޅާ ޝަރުތުތަކެއްގެ މަތިން ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކިޔަވަމުންދާ ޔުނިވާސިޓީ ނުވަތަ ކޮލެޖުވެސް ބަދަލުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.
"ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު" ގައިވާ ގޮތުން ކިޔަވަމުންދާ ޕްރޮގްރާމް ދަރިވަރަކަށް ކިޔެވުން މެދުކަނޑައިލެވޭނީ ކުރެވޭނީ އެއް ފަހަރު ކަމަށާއި މެދުކަނޑައިލެވޭނީ އެންމެ ދިގު މުއްދަތަކީ 12 މަސް ދުވަސް ކަމަށެވެ. އެ މުއްދަތު ބަލާނީ ދަރިވަރަށް ފައިސާ ދޭން ފަށާ ދުވަހުން ކަމަށާއި މެދުކަނޑައިލާ މުއްދަތު 12 މަސް ދުވަހަށްވުރެ ދިގު ވެއްޖެނަމަ، ބަލާނީ ކިޔެވުން ހުއްޓާލީ ކަމަށް އެ އުސޫލުގައިވެއެވެ.
ސަރުކާރުން ދަރިވަރަށް ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ހާލަތުގައި ނުދައްކައިފިނަމަ، އެ ދަރިވަރަކަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެ ދަރިވަރަކަށް ކުރި ހަރަދު އަނބުރާ ދައްކައި ނިމެންދެން، މިނިސްޓްރީ އިއުލާންކުރާ މަތީ ތައުލީމާއި ތަމްރީނުގެ އެއްވެސް ފުރުސަތެއް ނުދިނުން ހިމެނެއެވެ. އަދި ފައިސާ ހޯދުމަށް ޝަރީއަތްވެސް ދެވިދާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.