ރިލޭޝަންޝިޕް

ބައިވެރިޔާއާ އެކު އުޅޭއިރު އަމިއްލަ ވަގުތު ބޭނުންވޭތަ؟

މީހަކާ ރައްޓެހިވެގެން އުޅޭ ފުރަތަމަ ދުވަސްކޮޅު ނުވަތަ ކައިވެނި ކޮށްގެން އުޅޭ ފުރަތަމަ ދުވަސް ވަރަކީ އެންމެ "ރޯޒީ" ވަގުތުތަކެވެ. ކޮންމެ ދުވަހަކު ދެ މީހުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވުމާއެކު އެކީގައި ގިނަ ވަގުތު ހޭދަކުރުމަށް ހިތްއެދެއެވެ. ނަމަވެސް މި "ހަނީމޫން" ދުވަސްވަރު ނިމޭއިރު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ވަގުތު ބޭނުންވެއެވެ.

އެކަމަކު މި ވާހަކަ ބައިވެރިޔާއަށް ހިއްސާކުރަން ބައެއް މީހުން ޖެހިލުންވެއެވެ. މީހުން ދެކޭ ގޮތުގައި އެކީގައި އުޅެމުން ވަކިން ވަގުތު ހޭދަކުރުމަށް އެދެފި ކަމުގައި ވާނަމަ އެއީ ކޮންމެވެސް ގޯހެއް އުޅެނީ ކަމަށް ހީކުރާނެ އެވެ. މިހެން ބުނާ އިރު އަންޑަސްޓޭންޑިން ބައިވެރިންވެސް އުޅޭލެއް ވެސް މަދެއް ނޫނެވެ. އެކަމަކު އަންޑަސްޓޭންޑިން ބައިވެރިއެއް ނޫން ނަމަ ދެމީހުން ދޭތެރޭ ޖެހޭ މައްސަލަ ކުޑަ ކުރުމަށް މި ކަންތައްތައް އެހީއަކަށް ވެދާނެއެވެ.

ޕްލޭ އިޓް ސްމާޓް

ވަކިން ވަގުތު ހޭދަކުރުމަށް އެދޭއިރު އެއީ ބައިވެރިޔާ ކަމުނުދާތީ ކަމަށް ހީކޮށް މައްސަލަ އުފެދޭގޮތް މެދުވެރިވެއެވެ. އެހެން ކަމުން "މީ-ޓައިމް" ގެ ވާހަކަ ދައްކާއިރު ފުރަތަމަ ބައިވެރިޔާއާއެކު ކުރިއަށް ދާނެ ޑޭޓެއްގެ ޕްލޭނެއް ރާވާލައި އޭނާ ހިތްހަމަޖައްސައިލުން ބުއްދިވެރިވާނެއެވެ. މިސާލަކަށް މި އަންނަ ހުކުރު ދުވަހު ދެމީހުން އެކީގައި ވަގުތު ހޭދަކުރުމަށް އިންތިޒާރު ކުރާކަމަށާއި ނަމަވެސް ކޮންމެ ދުވަހަކު ބައިގަޑިއިރު ނަމަވެސް އަމިއްލަ ވަގުތުކޮޅެއް ބޭނުންވާ ކަަމަށް ބުނެވިދާނެއެވެ. މަގްސަދަކަށް ވާންވާނީ ތިމާ ބޭނުންވާ ކަންކުރަން އެދޭއިރު ބައިވެރިޔާ ދެރަކޮށް ނުވަތަ ބާކީ ނުކޮށް އެކަމަކަށް އެދުމެވެ.

ހަގީގަތަށް ކަންތައް ކިޔައިދިނުން

އަމިއްލަ ވަގުތުގެ ވާހަކަ ކިޔައިދޭއިރު އެ ވަގުތު އަމިއްލައަށް ބޭނުންވަނީ ކީއްވެކަން ބައިވެރިޔާއަށް ކިޔައިދޭށެވެ. ތެދުވެރިވާށެވެ. ބައިވެރިޔާއާއެކު ހޭދަކުރާ ވަގުތު މުހިއްމުކަން ބުނެދޭއިރު އަމިއްލަ ވަގުތަކީ ބިޒީ ދުވަހަކަށް ފަހު އަމިއްލަ މީހާ ތާޒާ ވުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ބައިވެރިޔާއަށް ބުނެދޭށެވެެ. އަދި އެކަމުން ލިބޭ އުފަލާ ހިތްހަމަޖެހުން ބުނެދޭށެވެ.

މިއީ ރިލޭޝަންޝިޕާ ގުޅުން ހުރި ކަމެއް ނޫން

ބައިވެރިޔާއަށް "މީ-ޓައިމް" ގެ ވާހަކަ ކިޔައިދޭއިރު އެއީ އަމިއްލަ ހިތްހަމަޖެހުމަށް ބޭނުންވާ ވަގުތު ކަމަށާއި ދެމީހުން ދޭތެރޭ އޮތް ގުޅުން ހީނަރުވާ ކަމެއް ނުވަތަ ޖެހިފައިވާ މައްސަލައަކާ ހެދި ނަގާ ވަގުތެއް ނޫންކަމަށް ބުނެދޭންވާނެއެވެ. އޭރުން ބައިވެރިޔާއަށްވެސް ހިތްހަމަޖެހުން ލިބޭނެ އެވެ.

ބައިވެރިޔާގެ ފަރާތުން ވިސްނާލާށެވެ.

ބައިވެރިޔާއަށް މި ވާހަކަތައް ކިޔައިދޭއިރު އޭނާގެ ސިކުނޑިން ނުވަަތަ އޭނާއަށް އެކަމުން ދޭހަވާނެ އެއްޗެއް އަމިއްލައަށް ވިސްނާލުން ބުއްދިވެރިވާނެއެވެ. ބައިވެރިޔާއަކީ ނެގެޓިވް މީހެއް ނަމަ ކަންކަމާ މެދު ވަރަށް ނެގެޓިވްކޮށް ވިސްނައިފާނެކަމަށް ބަލަންވާނެއެވެ. އަދި ގިނަ ސުވާލު ކޮށްފާނެ ކަަމަށްވެސް ބަލަންވާނެއެވެ. އެހެން ކަމުން ކެތްތެރިވެ، ބުނަން ބޭނުންވާ ވާހަކަ ބައިވެރިޔާއަށްވެސް އަންޑަސްޓޭންޑް ވާނެހެން ކިޔައިދިނުން މުހިއްމެވެ. އަދި ކޮންމެ މީހަކަށްވެސް ވަކިން ވަގުތު ހޭދަކުރުމުގެ މުހިއްމުކަން ބައިވެރިޔާއަށް ކިޔައިދިނުންވެސް މުހިއްމެވެ.

"މީ-ޓައިމް"އަށް ފަހު ރީކަނެޓް ވެލާށެވެ.

ވަކިން ވަގުތު ހޭދަކުރުން ބައިވެރިޔާއަށްވެސް ބޮޑަށް ގަބޫލު ކުރެވޭނެ ކަމެއްގެ ގޮތުގައި ހެދުމަށް މި ޓްރިކްވެސް ބޭނުން ކޮށްލެވިދާނެއެވެ. ވަކިން ވަގުތު ހޭދަކުރުމަށްފަހު ބައިވެރިޔާއަށް ގުޅާލާށެވެ. ނުވަަތަ ދިމާވެލާށެވެ. ނޫނީ އެކީ ހިނގާލަން، ބުރެއް ޖަހާލަން ނުވަތަ ބޭރަށް ގޮސްލާށެވެ. އެހެން ހެދުމުން ބައިވެރިޔާވެސް ބާކީ ނުވެ އޭނާއަށް އިސްކަންދޭކަން އޭނާއަށް އިހްސާސްވާނެއެވެ. އަދި އަމިއްލައަށް ވަކިން ވަގުތު ހޭދަކޮށްފައިވާތީ ހުންނާނީ މީހާ ނަފްސާނީ ގޮތުންވެސް ތާޒާ ވެފައިކަމުން ދެމީހުން ހޭދަ ކުރާ ވަގުތު އުފާވެރިކޮށް ހޭދަކޮށްލެވޭނެއެވެ.