ދީން

އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން: މުސްކުޅީންގެ ހިޔާވަހިކަމުގެ މަރުކަޒުތައް 5

އަބްދުﷲ ފާރޫގް ހަސަން

(11 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

"މުއުމިނުންނާއި މުހާޖިރުންގެ ތެރެއިންވާ މީހުނަށްވުރެ اللّــــه ގެ ފޮތުގައި ކަނޑައަޅުއްވައިފައިވާ ގޮތުގައި ގާތްތިމާގެމީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ (ގާތްކަން ބެހެއްޓުން) އައުލާކަން ބޮޑެވެ." (الأحـــــزاب: 6)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެމީހުންނަށް ހެޔޮފޯރުވުމަށް اللّــــه އަމުރުކުރައްވަތެވެ." (الـنّـحـــل: 90)

ގާތްތިމާގެމީހުންގެ މެދުގައި ގުޅުންކެނޑުމާއި ގުޅުން ގޯސްކުރުން ވަނީ މަނާކުރައްވައިފައެވެ. އެބައިމީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ވަޢީދުހުރިކަންވަނީ އަންގަވައިފައެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އިރްޝާދު ދެއްވައިފައިވެއެވެ.

"އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކައުތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވައިވޮޑިގެންވާ ކަލަކު ކަމުގައި اللّــــه ވޮޑިގެންވެއެވެ." (الـنّسـاء: 1)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީސުފުޅަކުން އެނގޭގޮތުގައި އަނިޔާވެރިކަމާއި ގާތްތިމާގެކަމުގެ ގުޅުން ކެނޑުމަކީ އެކަންކަމަށް ޤިޔާމަތްދުވަހުން ދެއްވާން ކަނޑައަޅުއްވައިފައިވާ ޢިޤާބުގެ އިތުރަށް ދުނިޔޭގައިވެސް އެކަމަށް ޢުޤޫބާތް ކަނޑައަޅުއްވައިފައިވާ ދެކަންތަކެވެ. (ސުނަނު އަބީދާއޫދު: 4902، މަސްނަދު އަޙްމަދު: 5/36، 30)

މައިންބަފައިންނަށް ހެޔޮކޮށްހިތާން ބާރުއެޅުއްވުން

ކޮންމެ އިންސާނެއްގެވެސް ގާތްތިމާގެ މީހުންކުރެ އޭނާއާ އެންމެ ގާތްބަޔަކީ މައިންބަފައިންނެވެ. މައިންބަފައިންނަކީ ހުސްއެކަނި އޭނާ ދުނިޔެއަށް އުފަންކުރެއްވުމުގެ ޒަރީޢާއަކަށްވީ މީހުންނެއް ނޫނެވެ. އޭނާ އުފަންކުރެއްވުމަށްފަހު ޒަމާނުގެ މުސީބަތްތަކުން އޭނާ ސަލާމަތްކޮށްދީ ބަލައިބޮޑުކުރާވެސް މީހުންނެވެ. ޙަޔާތުގެ މައިދާނަށް ނުކުމެ މަސައްކަތުގައި ހޭލަމޭލަވުމުގެ ޤާބިލުކަން ހޯދައިދޭ މީހުންނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި ގާތްތިމާގެ މީހުންގެ ކުރީން ގެނެސްދެއްވައިފައިވަނީ މައިންބަފައިންގެ ވާހަކައެވެ. އެބައިމީހުންގެ ޚާއްޞަ އަހަންމިއްޔަތަށްޓަކައި އެބައިމީހުންނަށް ހެޔޮކޮށް ހިތާންވަނީ ގާތްތިމާގެ މީހުންނަށްވުރެ ކުރީން މާތް اللّــــه އަށް އަޅުކަންކުރުމުގެ އަމުރުފުޅާ ވިދިގެން އަމުރުކުރައްވައިފައެވެ. ވަޙީކުރައްވައިފައިވާ އާޔަތުގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުން اللّــــه އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާޔަށްފެނި ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެމީހާ ދެކެ اللّــــه ލޯބިވެވޮޑިގެނެއް ނުވެތެވެ." (الـنّسـاء: 36)

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ބަނީއިސްރާއީލުންގެ ކިބައިން އެކަލާނގެ ރަސްކަންފުޅަށް ފުރިހަމަޔަށް ކިޔަމަންތެރިވެއުޅުމަށް އަހްދުހިއްޕެވިއިރު އެބައިމީހުންނަށްވެސްވަނީ މައިންބަފައިން ހެޔޮކޮށްހިތާން ތާކީދުކުރައްވައިފައެވެ. ބާރުއަޅުއްވައި އަމުރުކުރައްވައިފައެވެ.

"އިސްރާއީލުގެ ދަރީންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އެއީ، اللّــــه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި މިސްކީނުންނަށް ހެޔޮކޮށްހިތުމަށެވެ." (الــبـقــــــرة: 83)

އިސްވެބަޔާންކުރި މާތް އާޔަތްތަކުގައި އެންމެފުރަތަމަ އަމުރުކުރައްވަނީ އެއްކައުވަންތަ اللّـــه އަށް އަޅުކަންކުރާށެވެ. ދެން އަމުރުކުރައްވަނީ އެކަލާނގެ ރަސްކަންފުޅާ އެއްވެސް އެއްޗަކާ ޝަރީކު ނުކުރާށެވެ. އެއާވިދިގެން އަންގަވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ގާތްތިމާގެ އެހެނިހެން މީހުންނަށާއި މުޖްތަމަޢުގެ އެހެނިހެން އަފުރާދުންނާމެދު ރިވެތިގޮތުގައި މުޢާމަލާކުރާން އަންގަވަނީ މައިންބަފައިންގެ ފަހަށެވެ.

ألإســـــراء ސޫރަތުގައިވަނީ މިކަމަށް އިތުރަށް ބާރުއަޅުއްވައިފައެވެ. ވަޙީކުރައްވައިފައިވެއެވެ.

"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައިތިބެ މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތްބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ." (ســـــورة ألإســـــراء: 23)

މި މާތް އާޔަތުގައި ބަލާޣަތުގެވެސް އެތައްއެތައް ސިފައެއް ވަނީ ޝާމިލުކުރައްވައިފައެވެ. އާޔަތް ފައްޓަވައިފައިވަނީ وَقَـضَــى މިބަސްފުޅުންނެވެ. މިބަސްފުޅުގެ މަޠުލަބަކީ ކަމަކަށް އިންތިހާޔަށް ބާރުއަޅުއްވައި އަމުރުކުރެއްވުމެވެ. عـلاّمـــة زمخــشـــرى رحـمــــه اللّـــه ލިޔުއްވައިފައިވެއެވެ.

"وَقَـضَــى رَبُّــكَ ގެ މަޠުލަބަކީ ތިބާގެވެރި މާތް اللّـــه ވަނީ ޞަރީޙުކޮށް އެކަމަށް އަމުރުކުރައްވައިފައޭ އެންގެވުމެވެ."
(زمخــشـــرى ، الــكشاف عـــن حـقّــا لـــق الـــتّــــــزيـــل: 2/444)

عــلاّمـــة قـــرطـبــــى رحـمــــه اللّـــه ލިޔުއްވައިފައިވެއެވެ.
"قَـضَــى ގެ މަޠުލަބަކީ ތަބާވުން ލާޒިމުކަމެއް ނުވަތަ ވާޖިބުކަމުގައިވާ އަމުރުފުޅުތަކެވެ."
(قــرطـبــــى، الجــامــع الأحكــام الــقـــرآن: 1/237)

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى މިމާތް އާޔަތުގައި އެންމެފުރަތަމަ އަމުރުކުރައްވަނީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާށެވެ. ދެން ބާރުލައްވައި އަންގަވަނީ މައިންބަފައިންނާމެދު ރިވެތިގޮތުގައި މުޢާމަލާކުރާށެވެ. ޢިލްމުވެރީން ލިޔުއްވާގޮތުގައި މިދެ އަމުރުފުޅުގައި މުނާސަބު އެތައްކަމެއްވަނީ ޝާމިލުވެފައެވެ. އޭގެތެރެއިން އެންމެފުރަތަމަ ކަމަކީ އިންސާނާ ވުޖޫދުވެގެންވުމުގެ ޙަޤީޤީ ސަބަބެވެ. އިންސާނާ ޚަލްޤުކުރެއްވީ اللّــــه سبحـــانــــه وتــعــــالــــى އެވެ. އިންސާނާ މައުޖޫދުވުމުގެ ޙަޤީޤީ ސަބަބަކީ އެއީއެވެ. އިންސާނާ މައުޖޫދުވުމުގެ ބޭރުފުށުގެ ސަބަބަކަށްވަނީ މައިންބަފައިންނެވެ. އެހެންކަމުން އަރަހުށި މާތް اللّـــه އެންމެފުރަތަމަ އަމުރުކުރައްވަނީ އިންސާނާ މައުޖޫދުވެގެންވުމުގެ ޙަޤީޤީ ސަބަބަށް ތައުޡީމު އަދާކުރުމަށެވެ. ދެވަނަޔަށް އަމުރުކުރައްވަނީ އިންސާނާ މައުޖޫދުވެގެންވުމުގެ ބޭރުފުށުގެ ސަބަބަށް އިޙްތިރާމުކޮށް އަދަބުއަދާކުރާށެވެ. އާދޭހެވެ. ނިޢުމަތްދެއްވި ފަރާތަށާއި އިޙްސާންތެރިވި ފަރާތަށް ޝުކުރު އަދާކުރުމަކީ ވާޖިބެކެވެ. ނިޢުމަތްދެއްވި ޙަޤީޤީ ފަރާތަކީ اللّــــه سبحـــانــــه وتــعــــالــــى އެވެ. އެކަލާނގެއީ ޚާލިޤުވަންތަ އިލާހެވެ. މަޚްލޫޤުންގެ ތެރެއިން އިންސާނާގެ އެންމެބޮޑު މުޙުސިނަކީ ނުވަތަ މުޙުސިނުންނަކީ އޭނާގެ މައިންބަފައިންނެވެ. އެހެންކަމުން އަރަހުށި މާތް اللّـــه އެންމެފުރަތަމަ އަމުރުކުރެއްވީ ޚާލިޤުގެ އިޙްސާންވަންތަކަމަށް ޝުކުރު އަދާކުރާށެވެ. ދެވަނަޔަށް ބާރުއަޅުއްވައި އަމުރުކުރެއްވީ މައިންބަފައިންގެ އިޙްސާންތެރިކަމަށް ޝުކުރު އަދާކުރާށެވެ.

(رازى، مـفــاتــح الـغـيـب المــعـــــروف بــالــتّــفـسيــر الـكـبـيــر: 10/151-152، ابـــوحـيـــان، الـبـحـــــر المحـيـط)

މާތްވެގެންވާ ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތަކީވެސް ބަލާޣަތުގެ ނާދިރު ނަމޫނާއެކެވެ. އެގޮތުން މިމާތް އާޔަތުގައިވާ "وَبِــالْـــوَالِــدَيْــــنِ إِحْسَــانٌــا" އަކީވެސް ނުހަނު ބަލާޣަތްތެރި ބަސްފުޅެކެވެ. ކީރިތި ޤުރްއާނުގައިވާ ބަޔާންކުރެއްވުމުގެ ބާރު އަޅުގަނޑުމެންނަށް އަންގަވައިދެއްވާ ބަސްފުޅެކެވެ.

1. މިމާތް އާޔަތުގެ ކުރިޔަށްހުރި އާޔަތްތަކުގައިވަނީ އުޚުރަވީ ބާއްޖަވެރިކަމުގެ ވާހަކަ ގެންނަވައިފައެވެ. މިއާޔަތުގައި ބަޔާންކުރައްވަނީ އުޚުރަވީ ބާއްޖަވެރިކަން ހޯދައިގަނެވޭނެގޮތެވެ. ގޮތްތަކެވެ. އޭގެތެރެއިން އެއްގޮތަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އެދެމީހުންނަށް އިޙްސާންތެރިވުމެވެ.

2. މި އާޔަތުގައި އެންމެފުރަތަމަ ވަނީ ތައުހީދުގެ ބަޔާނަކާއި މާތް اللّـــه ގެ ރަސްކަންފުޅަށް ކިޔަމަންތެރިކަން އަދާކުރާނެގޮތުގެ ވާހަކައެވެ. އެއާ ވިއްދަވައިގެން ވަގުތުން އަމުރުކުރައްވަނީ މައިންބަފައިންނަށް އިޙްސާންތެރިވާށެވެ. އެކަމުން އަންގަވަނީ މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ކިހައި އަފޫރުއްބަ ހެޔޮކަމެއްކަމެވެ. އެކަމުގެ އައިތަވެރިކަމުގެ ބޮޑުކަމެވެ.

3. "والــديــــن" މިލަފުޒު "إِحْسَــانٌــا" ގެ ކުރިޔަށް ގެންނެވުމަކީ އިތުރަށް ތާކީދުކުރެއްވުމެކެވެ. އަމުރުފުޅަށް އިތުރަށް ބާރުދެއްވުމެކެވެ.
4. "إِحْسَــانٌــا" މި ލަފުޒު ގެންނަވައިފައިވަނީ ނަކިރާއެއްގެ ގޮތުގައެވެ. އެއީ ކަމުގެ ބޮޑުކަން ހާމަކުރެއްވުމަށްޓަކައެވެ. އެކަމުން އެނގެނީ މައިންބަފައިންނަށް ވަރަށްބޮޑަށް އަދި ނުހަނު ފުރިހަމަޔަށް އިޙްތިރާމްކުރަން އަރަހުށި މާތް اللّـــه ނުހަނު ބާރުލައްވައި އަންގަވައިފައިވާކަމެވެ. އެދެމީހުން ތިބާގެ މައްޗަށް ނުހަނު ބޮޑަށް އިޙްސާންތެރިވީ ފަދައިންނެވެ. އެބައިމީހުނާމެދު ތިޔަބައިމީހުންވެސް މުޢާމަލާކުރާންވާނީ ހަމައެގޮތަށެވެ. އެވަރަށް އިޙްސާންތެރިވިކަމުގައިވިޔަސް ތިޔަބައިމީހުންނަކަށް އެދެމީހުންނަށްދޭން ޙައްޤުވާ ބަދަލެއް ނުދެވޭނެއެވެ. އެހެނީ އެދެމީހުންވަނީ ތިޔަބައިމީހުންގެ މައްޗަށް ކުރީން އިޙްސާންތެރިވެފައެވެ. މަޝްހޫރު މިސާލު ބަހެކެވެ. ކުރީން އިޙްސާންތެރިވި މީހުންނަށް ޙައްޤުވާ ބަދަލެއް ނުދެވޭނެއެވެ.

(تــفسـيـر إبـــن كــثــيـــر: 10/152، 153)

އަރަހުށި މާތް اللّـــه ކީރިތި ޤުރްއާނުގެ އެހެން އެތައްތަނެއްގައިވެސްވަނީ މައިންބަފައިންނަށް އިޙްސާންތެރިވާން އަމުރުކުރައްވައިފައެވެ. މިގޮތުން ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ.

(ނުނިމޭ)