ޚަބަރު

އުކުޅަހުގައި ބަނގުރާ އާއްމުވެފައިވާ ކަމަށް ބުނެ، ކައުންސިލް ތެރެއަށް ބޮއްކުރައެއް ވައްދައިފި

އއ. އުކުޅަހު ބަނދަރަށް ވަން ސަފާރީއަކުން ރަށުތެރޭގައި ބަނގުރާ ވިއްކާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެ ރަށު ކައުންސިލް އިދާރާގެ ތެރެއަށް ބޮއްކުރައެއް ވައްދައިފިއެވެ.

އުކުޅަހުގައި ބަނގުރާ އާންމުވެފައިވާތީ އެކަމުގެ ކަންބޮޑުވުންތަކާއެކު އެ ރަށުގެ ބައެއް ރައްޔިތުން ރޭގެ ވަގުތެއްގައި ވަނީ ކައުންސިލް އިދާރާގެ ތެރެއަށް ވަދެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އޮފީސް ހުޅުވުމުގެ ކުރިން، ކައުންސިލް އިދާރާއަށް ވަންނަ ދޮރު ބަންދުވާނެހެން، ގޭޓުތެރެއަށް ބޮއްކުރައެއް ވަނީ ވައްދައިފައެވެ. އެ ބޮއްކުރާގައި ބަނގުރާ ގޮތަށް ހަދާފައި ހުރި ފުޅިތަކެއްވެސް ބަހައްޓާފައި ހުއްޓެވެ.

ރަށުގެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ ބަނގުރާ ވިއްކާ ކަމަށް ބުނާ ސަފާރީ އެ ރަށުގައި ބަނދަރުކޮށްފައި އޮތުމެވެ. ރައްޔިތުން ބޭނުންވަނީ ވަގުތުން އެ ސަފާރީ އެ ރަށުން ބޭރުކުރުމަށެވެ.

މިކަމާ ގުޅިގެން އުކުޅަހު ކައުންސިލްގެ ބަހެއް ހޯދުމަށް "ވަން" އިން އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމަށް ތަކުރާރުކޮށް ގުޅައި އަދި މެސެޖު ކުރުމުންވެސް ފޯނަށް ޖަވާބު ދެއްވާފައިނުވާތީ ކައުންސިލްގެ ބަހެއް ލިބިފައެއް ނުވެއެވެ.

އެ ސަފާރީން ރަށަށް ބަނގުރާ ވިއްކާކަމުގެ ތުހުމަތުކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ސަފާރީ ބަލައި ފާސްކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެ ސަފާރީން ފުލުހުންނަށް ބަނގުރާ ފެނިފައެއް ނުވެއެވެ.

އުކުޅަހުގައި 26 ގެސްޓްހައުސް ހިންގައެވެ.