ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި އޭސީ މިލާން ބަލިކޮށް، ވާދަވެރި އިންޓަ މިލާނުން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މިލާންގެ ދެ ކްލަބުންވެސް ބޭނުންކުރަމުންދާ ސަން ސީރޯގައި 80،000 ސަޕޯޓަރުންގެ ބާރު ހަޅޭކުގެ އަޑާއެކު ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗު އިންޓައިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ ލެގުގެ މެޗުވެސް ހަމަ އެ ސްޓޭޑިއަމްގައި ކުޅޭ އިރު، ރޭގެ މެޗަކީ އޭސީ މިލާންގެ ހޯމް މެޗެވެ. އެހެންކަމުން ގިނައިން ދަނޑަށް ވައްދާފައި ވަނީ އޭސީ މިލާންގެ ސަޕޯޓަރުންނެވެ.
އިންޓައިން 2010 ވަނަ އަހަރު މުބާރާތް ހޯދިފަހުން، އެޓީމަށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް އަދި ދެވިފައެއްް ނުވެއެވެ. ހާއްސަކޮށް މިއީ 2002-03 ވަނަ އަހަރުގެ ސީޒަނަށްފަހު މިލާންގެ ދެޓީމުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިލާން ޑާބީ ދެލެގުގެ އެގްރިގޭޓުން ކާމިޔާބުކުރާ ޓީމު ވެގެންދާނީ 2016 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ފުރަތަމަ އިޓަލީގެ ޓީމަށެވެ.
އޭސީ މިލާނުން ރޭގެ މެޗަށް އެޓީމުގެ ތަރި ރަފޭލް ލެއާއޯ ނުލައި ނުކުމެފައިވާ އިރު، އޭނާ ހުރީ އަނިޔާގައެވެ. މެޗު ފެށުމުގެ ކުރިން ކޯޗު ސްޓެފާނީ ޕިއޯލީވެސް ވަނީ ލެއާއޯ ނެތްތަން ޓީމަށް ދައްކާނެ ކަމަށް ބުނެފައެވެ. މެޗު ފެށިގެން އަށްވަނަ މިނެޓުގައި އިންޓަގެ ކޯނަރެއްގައި އެޑިން ޒެކޯ ޖެހި ގޯލުން މުޅި ސްޓޭޑިއަމް ހަމަހިމޭންވިއެވެ. ފޯރި ނަގަމުން ދިޔަ މިލާންގެ ސަޕޯޓަރުން މާޔޫސްވިއެވެ. އެ މާޔޫސްކަން އިތުރަށް ބޮޑުވީ އޭގެ ތިން މިނެޓް ފަހުން އަނެއްކާވެސް އިންޓައިން ގޯލު ޖެހުމުނުންނެވެ.
އެ ގޯލަކީ ފެޑެރީކޯ ޑޮމާކޯ ދިން ބޯޅައެއްގައި ހެންރިކް މިކިތާރިއަން ޖެހި ގޯލެކެވެ. އުމުރުން 37 އަހަރުގެ ޒެކޯއާއި 34 އަހަރުގެ މިކިތާރިއަން ކައިރިކައިރީ ޖެހި ދެ ގޯލާއެކު އިންޓައިން ހަމަޖެހިލައި، ހާފުގެ ފަހުކޮޅުގައިވެސް އިތުރު ގޯލަކަށް ނުރައްކާކުރީ އެޓީމުންނެވެ.
ހަކާން ޗަޅަނޯލޫ ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ރެފްރީ ޖީސަސް ގިލް މަންޒާނޯ ވަނީ އިންޓައަށް ޕެނަލްޓީއެއްވެސް ދީފައެވެ. އެހެންނަމަވެސް ވީއޭއާރް ބަލައި ރެފްރީ ފަހުން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ. ދެވަނަ ހާފަށް ނުކުމެ އިންޓައިން މެޗުގެ ޓެމްޕޯ ވަރަށް ބޮޑަށް ދަށްކޮށްލައި ލީޑު ދަމަހައްޓަން މަސައްކަތް ކޮށްފައިވާ އިރު، އޭސީ މިލާނުން ގޯލަކާ އެންމެ ގާތަށް ޖެހިލީ ސާންޑްރޯ ޓޮނާލީއެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.