ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަންނަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މާދަމާއިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލްތައް ލިބެން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންވާނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" ބަޔާންކޮށްފައި ކަމަށެވެ.
އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު ދަފުތަރު ކުރާ ކޮންމެ ކުންފުންޏަކުން 20،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 42 ކުންފުންޏަކަށް ދީފައެވެ. އޭގެ ތެރެއިން 24 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އިތުރު 12 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިއަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. ބާކީ ކުންފުނިތަކުގެ ހުއްދަ އަންނަ މާޗު މަހު ހަމަވާނެއެވެ.