ހުޅުމާލޭގައި ހިންގަމުންދާ ކޭ-ޕާކް ފްލެޓުގެ ޕްރޮޖެކްޓުގެ މައްސަލައާ ގުޅިގެން އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ ކޭ ޕާކު މައްސަލައިގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުގައި ފަހުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ދިވެއްސަކާއި ބިދޭސީއެއްގެއެވެ. ދިވެހި މީހާއަކީ މަންޑޭއާއެކު އެޕާޓުމެންޓް ވިއްކިކަމުގެ ތުހުމަތު ކުރެވޭ ޖައިޝަން ސައީދުއެވެ. ދެން ޕާސްޕޯޓް ހިފެހެއްޓީ ކޮރެއާގެ ރައްޔިތެއް ކަމަށްވާ ސޫން ސޫ ކިމްގެއެވެ. އޭނާއަކީ ހަންބޯ ކޮރެއާ ކުންފުނީގެ ކުރީގެ ހިއްސާދާރެކެވެ.
ކޭ ޕާކު މައްސަލައިގައި އެންމެ ފުރަތަމަ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮރެއާގެ ރާއްޖޭގެ އެޖެންޓް ހަންބޯ މޯލްޑިވްސްގެ ވެރިޔާ ކޭ-ޕާކް ފްލެޓްތައް ހަސަން މަމްދޫހު (މަންޑޭ) އެވެ. މަންޑޭއަކީ ހަންބޯ ކޮރެއާގެ ޕަސް ޕަސަންޓް ހިއްސާ އޮންނަ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރެވެ.
ކޭ ޕާކުގެ ފުލެޓުތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ބުނެ ހަންބޯ ކޮރެއާގެ ވެރިޔާ ޝީ ޖިން ހޫ ވަނީ މަންޑޭއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.
ހަންބޯ ކުންފުނިން މިމަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ މަންޑޭ ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.
އެގޮތުން ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ވެސް ސޮއިކޮށްފައިވާ އިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ވެސް ސޮއިކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ސޮއި ކުރުމަށް ފަހު ގިނަ ބައެއްގެ އަތުން ފައިސާ ދެއްކުމަށް މަންޑޭ އެދިފައި ވަނީ ނަގުދު ފައިސާއިން ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަމަށެވެ. އަދި ފައިސާ ހޯދުމަށް މުއާމަލާތް ކޮށްފައި ވަނީވެސް ސީދާ މަންޑޭ އާއި ޖައިޝަން ސައީދު ކަމަށް ބަޔާނުގައިވެއެވެ.
ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާ އިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށާއި އަދި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު ކަމަށް ބީއެމްއެލުން މައުލޫމާތު ދީފައިވާ ކަމަށާއި އަދި އެކަން ކޮށްފައިވަނީ އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށް ވެސް ހަންބޯއިން ބުނެއެވެ.
ބީއެމްއެލްގެ ސަމާލު ކަމަށް މި މައްސަލަ ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ އެކައުންޓްގައި ހުރި ފައިސާތައް މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ބުނެއެވެ. އަދި އެ އެކައުންޓްގެ އިންޓަނެޓް ބޭންކިންގެ އިތުރުން އެކައުންޓުން ކުރަން ޖެހޭ ހުރިހާ މުއާމަލާތެއް ކުރުމަށް ހުށަހެޅި ކުންފުނީގެ ގަރާރުގައިވެސް ޖިން ޝިހޫގެ ސޮއި ފޯޖްކޮށްފައިވާ ކަމަށް ހަންބޯއިން ބުންޏެވެ.
ހަންބޯ ކޮރެއާގެ އެ ހުރިހާ ތުހުމަތުތަކަށް މަންޑޭ ވަނީ އިންކާރުކޮށްފައެވެ. އޭނާގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަންބޯ ކޮރެއާގެ ވެރިޔާ މަސައްކަތް ކުރީ ފައިސާ ހިފައިގެން ފިލަން ކަމަށާއި އޭނާގެ އަނބުރަށް ހުތުރުވާހެން ހަންބޯ ކުންފުނިން ބަޔާން ނެރުނީ ފައިސާ ހިފައިގެން ފިލަން އެއްބަސްނުވުމުން ކަމަށެވެ.