ޚަބަރު

ހެއްކާ ބެހޭގޮތުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓުގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރެއިން ސިއްރުކުރަން އެދުނު ހެކިތައް ދައުލަތަށް ދިން މައްސަލަ، ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރު ކޮށްލައިފިއެވެ.

މި މައްސަލައަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީނަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

އެހެންކަމުން މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓަށް ދައުލަތުން ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާކޮށްފައެވެ.

މި ދައުވާ ކުރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، މި މައްސަލައިގެ 12 ހެއްކެއް ރައްކާތެރި ކޮށްދިނުމަށް އެދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމަންޓްގެ ފަރާތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ހުށަހެޅުމުގައި ވަނީ އެ ހެކިތައް ދައުލަތަށް ނުދިނުމަށް އެދިފައެވެ.

އެކަމާ ބެހޭގޮތުން ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، އެ ހެކިތަކަކީ ދައުވާކުރާ ކުށުގެ އަމަލާ ގުޅިގެން، އެ ދެ ކުންފުނިން ކުރި އެތެރޭގެ ތަހުގީގަކާ ގުޅުން ހުރި ލިޔެކިޔުންތަކެއް ކަމަށާއި، އެ ލިޔެކިޔުންތައް ދައުލަތަށް ހާމަކުރުމަކީ ލިޔުންތައް އާއްމު ކުރުން ނޫން ކަމަށެވެ. ދައުވާ ލިބޭ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއްކަމުން، ކުންފުންޏާ ގުޅޭ މައުލޫމާތުތަކަކީ ދައުލަތުގެ އެކި އިދާރާތަކުގައި ހުންނާނެ މައުލޫމާތުތައް ކަމަށާއި، އެ މައުލޫމާތުތަކަކީ ދައުލަތަށް ލިބެން ހުންނާނެ މައުލޫމާތުތަކެއް ކަމަށްވެސް ބުނެފައިވެއެވެ. އެ ލިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލަށް ހާމަކުރި ނަމަވެސް ދައުވާ ލިބޭ ފަރާތުން ފާހަގަކުރާ ފަދަ ބިރުވެރިކަމެއް އެފަރާތުގެ މުވައްޒަފުންނަށް ކުރިމަތިވެދާނެ ފަދަ އިހުތިމާލެއް އޮތްކަން ބުނެދެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެ ހެކިތައް ދައުލަތަށް ހާމަކުރުމަކުން އެ ދެ ކުންފުންޏަށް ނުވަތަ އެފަރާތުގެ މުވައްޒަފުންނަށް ކުރިމަތިވެދާނެ ޖިސްމާނީ ނުވަތަ އިގުތިސާދީ ގެއްލުމެއް ކުރިމަތިވާ ގޮތްވެސް ބުނެދެވިފައިނުވާ ކަމަށާއި، އެފަރާތުން ރައްކާތެރިކޮށްދިނުމަށް އެދިފައިވާ ހެކިތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭ ހެކިތަކެއް ނޫންކަމުން، އެ ދެ ކުންފުނިން އެދިފައިވާ ހެކިތައް ރައްކާތެރިކުރުމަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ކުރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.

އެ ދެ ކުންފުނީގެ ފަރާތުން ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ހުސްވިމަހު ކުރި ހުކުމުގައި ވަނީ، ހަމައެކަނި ބުނާ ބުނުމަކުން ނުފުދޭނެ ކަމަށާއި، ދައުވާލިބޭ ފަރާތުން ހެކި ރައްކާތެރިކުރުމަށް އެދޭނަމަ އިގުތިސާދީ ގެއްލުން ލިބޭކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނާ ބުނުމަކަށް ބާރުލިބިދޭ ހެކި ގަރީނާ ހުށަހަޅަންވާނެ ކަމަށެވެ. އެގޮތުން ހެކިބަސްދިނުމަށް ޖެހިލުންވާ މީހަކު ޖެހިލުންވާކަމަށް ނުވަތަ ހެކިވެރިޔަކަށް އިންޒާރު ދީފައިވާކަމަށް ނުވަތަ އިގުތިސާދީ ގެއްލުމެއް ލިބިދާނެކަމަށް ބެލެވުމުގެ އިހުތިމާލެއް އުފެދޭ މިންވަރަށް، ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދޭ ފޯމާއެކު ހެކިގަރީނާ ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ ކުންފުނިން ހެކި ރައްކާތެރި ކުރުމަށް އެދި ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓިގެ އެހުކުމް ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓުން ހުސްވިމަހުގެ 26 ގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ރަޖިސްޓްރާގެ ނިންމުމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.