ޚަބަރު

ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ، ގާސިމަށް ތާއީދުކުރުމުގެ ވިސްނުމެއް ނެތް: ޝިޔާމް

އިބްރާހިމް ޒަކީ

1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވާދަ ކުރަން ހަމަޖެހިފައިވާ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް މައްޗަށްކުރި 11 އަހަރު ދުވަހު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރެވޭނެތޯ އުފެދިފައިވާ ސުވާލާ ގުޅިގެން، "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާނީ ހަމަ ރައީސް ޔާމީން ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީވެސް އަޅުގަނޑުމެން، އެކަން އަދިވެސް އޮތީ އެގޮތުގައި ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް،" ޝިޔާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް، ޝިޔާމު ވިދާޅުވިއިރު، ރިޔާސީ އިންތިހާބާ ބެހޭ މަޝްވަރާތަކަށް އެދި ޖޭޕީން ވަނީ ޕީޕީއެމަށް ވެސް ސިޓީއެއް ފޮނުވައިފައެވެ. ނަމަވެސް މިހާތަނަށް އެ ދެ ފަރާތުގެ މެދުގައި ރަސްމީ އެއްވެސް މަޝްވަރާތަކެއް ކުރިއަކަށް ނުގެންދެއެވެ.

ކުރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދީގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑާ ކޮށްފައިވާ މައްސަލަ އާއި އެރަށް ދިނުމުގައި ރިޝްވަތު ހިފި މައްސަލަ ސާބިތުވެގެންނެވެ.

ޝިޔާމް ވިދާޅުވީ، މިހާރު އެ މައްސަލަ އޮތީ އިސްތިއުނާފު މަރުހަލާގައި ކަމަށާއި، އެ މަރުހަލާއިން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ މަނިކުފާނަށް އަދި ވަގުތު އެބައޮތް ކަަމަށާއި، ޕީޕީއެމުން އެނޫން ގޮތަކަށް ނުވިސްނާކަމަށެވެ.

ރިޔާސީ އިންތިހާބުގައި ގާސިމަށް އެއްބާރުލުން ހޯއްދެވުމަށް ޖޭޕީން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރަމުން އަންނައިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެފައިވަނީ، އެކަނި ހުންނަވަން ޖެހުނު ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟