ޚަބަރު

ހަތަރު މަސްތެރޭ އާސަންދަ ބަޖެޓުގެ 82 ޕަސެންޓް ހުސްވެއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އާސަންދައިގެ ބަޖެޓުގެ 82 ޕަސެންޓް ހޭދަކޮށްފިއެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ވީކްލީ ފައިނޭންޝަލް ރިޕޯޓުން ދައްކާ ގޮތުގައި 4 މެއި 2023 ގެ ނިޔަލަށް އާސަންދައިން 862 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެއީ އާސަަންދައަށް ކަނޑައެޅި ބަޖެޓުގެ 82.4 ޕަސެންޓެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 51.7 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އާސަންދައިން ހޭދަކޮށްފައިވަނީ 567.9 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރަށް ބަލާއިރުވެސް އަހަރު ދެބައި ނުވަނީސް އާސަންދައަށް ކަނޑައެޅި 730.9 މިލިއަން ރުފިޔާ ވަނީ ހުސްވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ސަރުކާރުން ކަނޑައެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ތެރެއިން އާސަންދައަށް އިތުރުކުރި 906.7 މިލިއަން ރުފިޔާ އާއެކު މިިދިިޔަ އަހަރުގެ އާސަންދަ ބަޖެޓުގެ ޖުމްލަ 1.6 ބިލިއަން ރުފިޔާއަށް އަރައެވެ.

ސަރުކާރުން އާސަންދައަށް ކުރާ ހަރަދު އިތުރުވުމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ވޯލްޑް ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ލަފާދީފައެވެ. އެއީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.