މިނިމަމް ވޭޖް ނެތުމުން ތިބީ ކަނޑު ފެތިފައިކަމަށާއި، މުޒާހަރާއިން ދޭހަވަނީ އެކަން ކަމުގައި ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ އަދި ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ބ. އަނގަފަރު ފިނޮޅާއި އެ ފިނޮޅުގެ މޫދުގެ އިތުރުން އެދިމާލު ކަނޑުމަތީގައި، ބ. އަތޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މައުރޫފް ވިދާޅުވީ މި މުޒާހަރާ އަކީ ރިސޯޓު މުވައްޒަފުންނަށް، މިނިމަމް ވޭޖް ހަމަނުޖެހުމުން ކުރިއަށް ގެންދިޔަ މުޒާހަރާއެއް ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ރިސޯޓް ވަޒީފާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މިނިމަމް ވޭޖެއްނެތި މަސައްކަތް ކުރާތާ ވަނީ އެތައް އަހަރެއްވެފައެވެ. އަދި ކުރީގެ ސަރުކާރު ގައި މި މައްސަލަ އަށް ހައްލެއް ގެނައުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅިކަމަށް މައުރޫފް ވިދާޅުވިއެވެ.
ދެހާސް ފަނަރަވަނަ އަހަރު މި ޕެޓިޝަން ހުށަހެޅީ ރިސޯޓް ވަޒީފާގައި މަސައްކަތް ކުރާ 7000 މުވައްޒަފުންގެ ސޮޔާއެކު ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން މި ޕެޓިޝަނާއެކު މިނިމަމް ވޭޖް ކަނޑައެޅުމަށް އެދި ޓީމް ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
ވޭތުވެދިޔަ ސަރުކާރަށް މިކަންކަން ހުށަހެޅި ނަމަވެސް މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅާކަން މައުރޫފް ފާހަގަ ކުރެއްވިއެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އަށް ދެންނެވުމުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅައި ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކުރެވިފައިނުވާކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.
މައުރޫފު ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19ގެ ދަށުން މިނިމަމް ވޭޖެއް ކަނޑައަޅާނެ ކަމަށް ބުނި ނަމަވެސް އެކަމަށް އިތުބާރު ނުކުރައްވާކަމަށެވެ. އަދި މިހާރުވެސް ގާނޫނު ގައި، މިނިމަމް ވޭޖެއް ކަނޑައަޅަން ޖެހޭ ކަމަށް ވާއިރު އެކަން ކުރަން އިތުރު ގާނޫނެއް ހަދަން ނުޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ.
މިއަދުގެ މުޒާހަރާގައި ބ. އަތޮޅުގެ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުން ބައިވެރިވެ ޝުއޫރު ފާޅުކުރިއެވެ.