ޚަބަރު

އާތު އަވާ: ދުނިޔޭގެ ތިމާވެށީގެ ލާބަޔަށް ހާއްސަ އެއްގަޑިއިރު

މަރިޔަމް ޝަހުދާ

ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގެ ރޭ 8:30 އިން ފެށިގެން 9:30 އަށް އެތައް ގެއަކުން އަނދިރިކަން ފެނެއެވެ.

ދެހާސް ހަތްވަނަ އަހަރު އާތު އަވާގެ ނަމުގައި މާޗް މަހުގެ އެންމެ ފަހު ހޮނިހިރުގައި އެއް ގަޑިއިރަށް ''ލައިޓްސް އޮފް'' ގަޑިއެއްގެ ގޮތުގައި ފެށި ހަރަކާތަކީ އާންމު ރައްޔިތުންގެ އިތުރުން އެކި ކުންފުނިތަކާއި، ވަކިވަކި ފަރުދުންނަށް ކޮންމެހެން ބޭނުން ނޫން ކަރަންޓު ކަނޑާލުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ހަރަކާތެއްގެ ގޮތުގައި އެކި ގައުމުތަކުގައި އާތު އަވާ ފާހަގަކުރެވުނެވެ. އެގޮތުން އެ އަހަރު ޖުމްލަ 35 ގައުމަކުން މި ހަރަކާތުގައި ބައިވެރިވި އިރު، މިހާރު މި އަދަދު ވަނީ އިތުރުވެފައެވެ. ބޭނުން ނުކުރާ ބޮތްކާއި، އޭސީ، ޓީވީ އަދި ކޮމްޕިއުޓަރު ފަދަ ތަކެތި ނިވާލައިގެން އުއްބައްތީގެ އަލީގައި އާތު އަވާ ފާހަގަކުރުމީ ހުރިހާ ގައުމެއްގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ. އަދި ބައެއް ގައުމުތަކުގައި ބޮޑު ހަރަކާތެއްގެ ގޮތުގައި އެންމެން އެއް މައިދާނަކަށް ޖަމާވެ، އުއްބައްތީގެ އަލީގައި، ނުވަތަ އެހެނިހެން، ކަރަންޓު ބޭނުން ނުވާ އަލީގެ އެހީގައި ވަގުތު ހޭދަކުރުމީ މިހާރުގެ ބަވަނަ ދުނިޔޭގައި މީހުން އާތު އަވާ ފާހަގަ ކުރުމަށް ކުރާ ބައެއް ކަންކަމެވެ.

ރާއްޖޭގައި ރަސްމީކޮށް އާތް އަވާ ފާހަގަކުރެވެން ފެށުނީ 2009 ވަނަ އަހަރުގައެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އާތު އަވާ އަކީ ކޮބައިކަން ސާފުކޮށްދިނުމަށް ސަރުކާރުގެ އިތުރުން ސްކޫލްތަކާއި ތަފާތު ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން މަސައްކަތް ކުރިއެވެ. 2010 ވަނަ އަހަރު ރާއްޖޭގައި އާތު އަވާ ފާހަގަކުރުމަށް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެ ދުވަހުގެ ހަވީރު 4ކުން ފެށިގެން އެރޭ 12 އަށް އިންޖީނުލީ އުޅަނދު ދުއްވުން އެންވަޔަރަމަންޓް މިނިސްޓްރީން މަނާކުރިއެވެ. މީގެ އިތުރުން އާތު އަވާ ރެލީއެއް ކުރިއަށް ގެންދިއުމުގެ އިތުރުން އާތު އަވާ ފާހަގަކުރި އެއް ގަޑިއިރުގެ ތެރޭ ރާއްޖޭގެ ގައުމީ ޓީވީ، ޓީވީއެމްގެ ޕްރޮގްރާމް ބްރޯޑްކާސްޓިންގް ވެސް ހުއްޓާލިއެވެ.

މީގެ ކުރިން އެކި ސްކޫލްތަކުންނާއި ސަރުކާރުގެ ފަރާތުން އާތު އަވާ ފާހަގަކޮށް، މިކަމުގެ މުހިއްމުކަން އާންމުންނާއި ކުޑަކުދިންނަށް ކިޔައިދިނުން މަދު ނަމަވެސް، އަދިވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އާތު އަވާ ފާހަގަކުރެވެމުން ދެއެވެ. އެގޮތުން އެކި ރަށް ރަށުގެ ސްކޫލްތަކުން އިސް ނަގައިގެން އާތު އަވާ ފާހަގަކުރާ އިރު، ބައެއް ސަރުކާރު ކުންފުނީގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ވަނީ އާތު އަވާ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އާތު އަވާއާ ދިމާކޮށް މާލޭގައި ސްކައުޓުން އަދި ގާލް ގައިޑުން އިސް ނަގައިގެން ވަނީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މިއަދު ކުރިއަށް ދިޔަ މި ހިނގާލުމުގައި އެތައް ގައިޑުންނާއި ސްކައުޓުންގެ އިތުރުން، ކަބް ސްކައުޓުން ލިޓިލް މެއިޑް ކުދިން އަދި ސްޓާ ކުދިން ވަނީ ބައިވެރިވެފައެވެ.

އެތައް ބަޔަކު އިސް ނަގައިގެން ހިންގާ މިފަދަ ހަރަކާތްތަކަކީ ކުރިއަށް އަންނަން އޮތް ޖީލަކީ ދުނިޔެއަށް އަންނަ އެކި ބަދަލުތަކަށް ހޭލުންތެރި، ކަންކަން ރަނގަޅަށް އެނގޭ ބަޔަކަށް ވުމަށް އެހީވެދޭ ހަރަކާތެކެވެ. ނަމަވެސް ދުނިޔޭގެ ތިމާވެއްޓަށް އަންނަ އެކި ބަދަލުތަކާ މެދު މީހުން އަހުލުވެރިކުރުވައި، ކަރަންޓު ހަރަދު ކުޑަކުރުން ފަދަ ކުޑަ ކަމަކުން ތަފާތު ގެނައުމަށް ބާރުއަޅާ އާތު އަވާ މިހާރު ގިނަ މީހުން ފާހަގަކުރަނީ ހަމައެކަނި ސޯޝަލް މީޑިއާއަށް ފޮޓޯއެއް ލުމަށެވެ.

ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލާއެކު މިފަދަ ކުދިކުދި ކަންކަމުން އިބުރަތް ހާސިލްކޮށް، ކުރިއަށްއޮތްތާނގައި ދުނިޔޭގެ ތިމާވެށި މިހާރަށް ވުރެ ބޮޑަށް ހަލާކުވިޔަ ނުދިނުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މިކަން ކުރެވެން އޮތީ އާތު އަވާ ފާހަގަކުރަމުން އަންނަ މައިގަނޑު ކަން ކަމަށްވާ ބޭނުން ނުކުރާ ކަރަންޓު ކަނޑާލުމުގެ އާދަ އަށަގަނެވިގެނެވެ. މިއަހަރުގެ އާތު އަވާ ނިމުން ނަމަވެސް، މުޅިން ''ލައިޓްސް އޮފް'' އެއް ނުގެނެސް، ޒިންމާދާރު ކަމާއެކު ކަރަންޓު ބޭނުން ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ.