ޔޫއެފާ ޗެމްޕިއަންސް ލީގު

މަސައްކަތް ކުރަން ޖެހެނީ "އަންސްޓޮޕެބަލް" ޓީމެއް ހުއްޓުވަން!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ނުކުންނާނީ "އަންސްޓޮޕެބަލް" ޓީމެއް ހިފަހައްޓަން ކަމަށް ރެއާލް މެޑްރިޑް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ރެއާލް ދަނޑުގައި މިރޭ ދެޓީމުން ނުކުންނަ އިރު، ރެއާލްއަކީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އޭގެ އިތުރުންވެސް ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުވެސް މެއެވެ. ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ އިރު، އެޓީމުން މިފަހަރު އޮތީ ރަނގަޅު ފޯމެއްގައެވެ. ހާއްސަކޮށް، ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއެކު ތިން ތަށި އެއްކޮށް ހޯދުން އެއީ ސިޓީއަށް މިފަހަރު ފަހިވެފައިވާ ފުރުސަތެކެވެ.

ރެއާލްގެ ތަޖުރިބާކާރު ކޯޗު އެންޗެލޮޓީ ބުނީ މިދިޔަ އަހަރުގެ ސެމީއާ މިފަހަރުގެ ސެމީއާ ތަފާތުވާނެ ކަމަށާއި، ސިޓީގައި މިހާރު އޮތީ މާ ފުރިހަމަ ޓީމެއް ކަމަށެވެ.

"ސިޓީއަކީ ފުރިހަމަ ޓީމެއް. ސިޓީން ކުޅެނީ ފުރިހަމަ ފުޓުބޯޅައެއް. އަހަރެމެން މި މަސައްކަތް ކުރަނީ އަންސްޓޮޕެބަލް ޓީމެއް ހުއްޓުވަން،" އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ ސިޓީގެ އެންމެ ބޮޑު ނުރައްކަލީ މިހާތަނަށް ސީޒަނުގައި 50 އަށްވުރެ ގިނަ ގޯލު ޖަހާފައި އާލިން ބްރައުޓް ހާލަންޑް ކަމަށާއި، ސިޓީއަކީ ހުރިހާ ގޮތަކުންވެސް އެންމެ ނުރައްކާ ޓީމު ކަމަށެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި ރެއާލްއާއި ސިޓީން ވާދަކޮށްފައިވާ އިރު، އެ ސެމީ ވެގެން ދިޔައީ ސިޓީއަށް އުނދަގޫ ތަޖުރިބާއަކަށެވެ. ދެވަނަ ލެގުގެ އިތުރު ވަގުތާ ހަމައަށް ސިޓީން ލީޑުކުރަމުން ދިޔަ ނަމަވެސް، ރެއާލްއިން ވަނީ ފަހަތުން އަރައި ނަތީޖާ އަނބުރާލައި، ހައިރާން ކުރުވަނިވި ނަތީޖާއަކާއެކު ފައިނަލަށް ގޮސްފައެވެ.

އެންޗެލޮޓީ ބުނީ ސިޓީ މެޗުގައި ފުރުސަތުތައް ލިބޭނެ ކަމަށާއި، ރެއާލްވެސް އޮތީ މިދިޔަ ސީޒަނާ އެއް ފެންވަރެއްގައި ކަމަށެވެ.

"އަހަރެމެންނަށްވެސް ފުރުސަތުތައް ލިބޭނެ. އަހަރެމެންގެ ޓީމުވެސް މިއޮތީ ރަނގަޅު ފެންވަރެއްގައި. ހަމަ މިދިޔަ ސީޒަނުގައިވެސް އޮތް ފެންވަރުގައި. ހުރިހާ ކަމެއްގައިވެސް ތަފާތު ފެންނާނީ މޯޓިވޭޝަނާއި، ޓީމު ރޫހުން. ކޮޕާ ޑެލް ރޭ ތަށި ހޯދާފައި އޮތުމަކީ ބޯނަސްއެއް،" އެންޗެލޮޓީ ބުންޏެވެ.

ރެއާލްގެ މެދުތެރެއިން އެންމެ މުހިއްމު ރޯލެއް އަދާކުރާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އަނިޔާގެ ސަބަބުން މިރޭ ނުކުޅޭނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް، އެންޗެލޮޓީ ބުނީ އޭނާ ހުރީ 100 ޕަސެންޓް ފިޓްކޮށް ކަމަށާއި، މިރޭގެ މެޗުގައި ފެންނާނެ ކަމަށެވެ.