ޔޫއެފާ ޗެމްޕިއަންސް ލީގު

ރެއާލް ކައިރިން ބަދަލުހިފަން ވިސްނުމަކީ ގޯހެއް: ގާޑިއޯލާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް މެންޗެސްޓާ ސިޓީން ނުކުންނާނީ ބަދަލުހިފުމުގެ ވިސްނުމުގައި ނޫން ކަމަށާއި، އެގޮތަށް ވިސްނުން ގެންގުޅުމަކީ ހެދޭނެ ގޯހެއް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީގައިވެސް ސިޓީއައި ރެއާލްއިން ވާދަކޮށްފައިވާ އިރު، އެ މެޗު ވެގެން ދިޔައީ ސިޓީއަށް ހިތި ތަޖުރިބާއަކަށެވެ. ދެވަނަ ލެގުގެ 90 ވަނަ މިނެޓާ ހަމައަށް ސިޓީން އެގްރިގޭޓް 5-3 ގެ ނަތީޖާއަކުން ލީޑުކުރަމުން ދިޔަ ނަމަވެސް، މެޑްރިޑުން ވަނީ ފަހުވަގުތު ފަހަތުން އަރައި ނަތީޖާ އަނބުރާލައިފައެވެ. ރެއާލްއިން ދެ ލެގު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

ގާޑިއޯލާ ބުނީ މިރޭގެ ސެމީ ފައިނަލަށް ނުކުންނާނީ އެ މެޗުގެ ބަދަލެއް ހިފަން ނޫން ކަމަށާއި، ފުރުސަތުގެ ބޭނުން ހިފައި، ޔޫރަޕްގެ ޗެމްޕިއަނުން ބަލިކުރުމުގެ އަޒުމުގައި ކަމަށެވެ.

"އަހަރެމެން ނުކުންނަނީ ބަދަލުހިފާކަށް ނޫން. އަހަރެން ނުކުންނާނީ ފުރުސަތުގެ ބޭނުންކުރަން. ކުރިންވި ކަންތައް މިހާރު އެއޮތީ ނިމިފައި. އެކަމާމެދު ވިސްނައި، ބަދަލުހިފަން އުޅެފިނަމަ އެކަން ވާނީ ގޯހަކަށް،" މިރޭ ރެއާލް ދަނޑުގައި ކުޅެން އޮތް ފުރަތަމަ ލެގާ ގުޅޭގޮތުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މިދިޔަ އަހަރުގެ ސެމީން ލިބުނީ ފިލާވަޅުތަކެއް ކަމަށާއި، މިރޭގެ މެޗަށް ނުކުންނާނީ އެމެޗުގެ ގޯސްތައް ރަނގަޅުކުރުމަށް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ދާއިރު، ފައިނަލަށް ދާން ފުރުސަތު ތަނަވަސްކުރަން މިރޭ މެޗުގެ ނަތީޖާ މުހިއްމު ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ މިދިޔަ އަހަރުވެސް އަމިއްލަ ދަނޑުގައި ފުރަތަމަ މެޗު ވަރަށް ރަނގަޅަށް ސިޓީން ކުޅުނު ކަމަށާއި، ދެވަނަ ލެގުގެ ބޮޑު ބައެއްގައި ރަނގަޅަށް ކުޅެ، ފަހުވަގުތު ބަލިވާން ޖެހުމަކީ މާޔޫސްވި ކަމެއް ކަމަށެވެ. މިފަހަރު ދެވަނަ ލެގު، އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ފައިދާއެއްކަން ނޫނީ ގެއްލުމެއްކަން ބުނަން ނޭނގޭ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާއާއި ސިޓީން މި ސީޒަނުގެ ތިން ތަށްޓަށް މަސައްކަތް ކުރަމުން އަންނައިރު، އެ ތާރީހީ ކާމިޔާބީއަކީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް ނޫން އެހެން އިނގިރޭސި ކްލަބަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ. ސިޓީއަށް ކްލަބު ތާރީހުގައި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ އިރު، ގާޑިއޯލާގެ ނަޒަރުގައި "ސިޓީއަށް ކޮންމެވެސް ދުވަހަކުން ޗެމްޕިއަންސް ލީގު ލިބޭނެ،"އެވެ. އަދި "މިފަހަރު ނުކުންނަނީ އެކަމަށް ކަމަށްވެސް،" ގާޑިއޯލާ ބުންޏެވެ.