އިބްރާހިމް ޒަކީ
ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ތަޖުރިބާހުރި، ގައުމީ ވިސްނުމުގެ ބޭފުޅުން ތިބުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަ ކުރައްވާ، އަދި މިހާރުވެސް މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް އަށް ތާއީދު ކުރައްވާކަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހާމަ ކުރައްވައިފިއެވެ.
ޑރ. ޝަހީމު އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި ގާސިމަށް ތާއީދު ކުރައްވައި ވިދާޅުވެފައި ވަނީ، ގާސިމް އަކީ ރާއްޖޭގައި ތިއްބެވި، އެންމެ ސިޔާސީ ތަޖުރިބާހުރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ.
ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށާއި، ރާއްޖެއަށް ސިޔާސީ މިނިވަން ކަމާއި އިސްލާހީ ބަދަލުތައް ގެނައުމުގައި ގާސިމް މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށް ޑރ. ޝަހީމު ވިދާޅުވެފައިވެއެވެ.
އަދި ގާސިމް މަޖިލީހުގައި އިންނެވުމަކީ، އެބޭފުޅުންގެ ތަޖުރިބާ އާއި ހިއްސާ، އިސްލާހީ މަސައްކަތަށް ލިބިގެން ދާނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމުގައި ގާސިމް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމީ ކަށަވަރުކަމެއް. މަޖިލިސް އިންތިހާބުގައި ގާސިމް އަށް ފުރިހަަމަ ކާމިޔާބީއެއް އެދެން،" ޑޜ. ޝަހީމު ވިދާޅުވެފައިވެއެވެ.