އިބްރާހިމް ޒަކީ
ޗާގޯސް އައިލެންޑްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރު ކޮށްލައިފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 30 ގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ހ. ދޮންޖޭމްގެ އުމަރު ނަސީރާއި ހ. ޖަންކަރު މުހައްމަދު މުސްތާގެ އިތުރުން ގ. މަލްވިން، ޒުބައިރު އަހުމަދު މަނިކެވެ.
އެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ ރައީސް ސޯލިހު، ފޮނުއްވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައެޅައިދިނުމަށެވެ.
ގާނޫނު އަސާސީގެ ތިން ވަނަ މާއްދާއަށް ރިއަާޔަތްކޮށް އެ ހުށަހެޅުމުގައި އެފަރާތްތަކުން ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ކަމަށެވެ.
ސުޕްރީން ކޯޓުން ބުނެފައިވަނީ މި މައްސަލަ އެކޯޓަށް ބަލައި ނުގަތުމަށް ނިންމާފައިވާ ކަމަށެވެ.