އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުމަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް، ހައިކޯޓުން މާދަމާ އަށް ތާވަލް ކޮށްފިއެވެ.
މި މައްސަލައިިގެ ހުކުމް އިއްވުމަށް ހައިކޯޓުން ތަވާލް ކޮށްފައިވަނީ މާދަމާ 2:00 އަށެވެ.
ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދުވަހުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް މިމަހުގެ ހަތްވަނަ ދުވަހަށްވެސް ތާވަލް ކުރިއެވެ. ނަމަވެސް އެ ދުވަހު ހެނދުނު 10:00 އަށް ތާވަލްކުރިއަޑުއެހުން ކެންސަލް ކޮށްފައިވަނީ، އިދާރީ މައްސަލަތަކަކާ ގުޅިގެންނެވެ.
ރާއްޖޭގައި ހުރި، ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ.
އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.
މަނީ ލޯންޑްރިންގެ މައްސަލައަކާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އެމަނިކުފާނު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރައްވައިފައެވެ.
އަދި ހައިކޯޓުން ޔާމީން ދޫކޮށްލަން އަމުރުކޮށް، އެމަނިކުފާނު ވަނީ ދޫކޮށްލައިފައެވެ.