ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު، ހިއުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހާޒިރުވުމަށް އަންގައިފިއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުނާޒު އެޗްއާރެސީއެމަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަން އަންގާފައި ނުވާކަމަށާއި އެކޮމިޝަނުން ބަލަމުން އަންނަ މައްސަލައެއްގައިކަމަށް އެޗްއާރުސީއެމުން ބުނެފައިވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު، އެޗްއާރުސީއެމަށް ހާޒިރުވުމަށް އެންގި އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެޗްއާރުސީއެމްގެ ޓީމެއް މާލޭ ޖަލުގެ ހާލަތު ބެލުމަށް ޖަލަށް ޒިޔާރަތްކޮށްފައެވެ. އެޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ވެސް ބައިވެރިވިއެވެ.
އެޗްއާރުސީއެމުން ބުނެފައިވަނީ އެޒިޔާރަތަކީ ބަންދުގައި ތިބޭ މީހުންނާމެދު ތަނުގައި އަމަލުކުރާގޮތާއި، އެ ޖަލުގައި އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯބަލައި އަދި އެ ތަންތަނުގައި ގައިދީންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ކުރި ޒިޔާރަތެއް ކަމަށެވެ.
އަދި އެ ޒިޔާރަތަށް ފަހު، ކޮމިޝަނުން އާއްމުކޮށް އަމަލުކުރަމުން އަންނަ އުސޫލުގެމަތިން ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.