ޚަބަރު

ވެންޓިލޭޓަރު މައްސަލަ ޕީޖީއަށް ފޮނުވިތާ 4 މަސް، ބަލައިގަތުމާމެދު އަދިވެސް ގޮތެއް ނުނިންމާ!

އިބްރާހިމް ޒަކީ

ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ތިން މީހުންގެ މައްސަލަ އޮތީ ޕްރޮސިކިއު ޓާޖެނެރަލް (ޕީޖީ) އޮފީހުގެ ޑިއުޓީ ޕްރޮކިއުޝަންގައި ކަމަށް އެ އޮފީހުން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ މައްސަލަ އަދި ޕީޖީ އޮފީހަށް ބަލައިގެންފައި ނުވާ ކަމަށެވެ.

"އެއީ ބޮޑު މައްސަލައަކަށް ވާތީ އެ މައްސަލައިގައި ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އެ ކަންތައްތައް ބަދަލަމުންދަނީ،" ޝަފީއު ވިދާޅުވިއެވެ. އެ މައްސަލަ ޕީޖީ އޮފީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމޭނެ ވަކި ދުވަހެއްވެސް އަދި އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ތިން މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ތިން މީހުންނަކީ، ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސ. ފޭދޫ/ ޕިންކް ހައުސް، ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ/ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން/ ފެއަރީގާޑެން، އަލީ ޝިހާމް އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، މި ތިން މީހުންގެ މައްޗަށްވެސް ކުރުމަށް އެދިފައި ވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 (ތިރީސް އެއް މިލިއަން ފަންސާސްދެހާސް ފަންސަވީސް) ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެންމެ ފުރަތަމަ އޭސީސީން ޕީޖީއަށް ފޮނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އަންގައި އެ މައްސަލަތައް 2021 ވަނަ އަހަރު ޕީޖީން އަނބުރާ އޭސީސީއަށް ފޮނުވައިލިއެވެ.

އޭގެ ފަހުންވެސް އެކި ފަހަރު މަތިން އެކި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް މައްސަލަތައް ފޮނުވިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ތަހުގީގުން ފާހަގަކުރެވޭ ކަންތައްތަކެއް ފާހަގަކޮށް އެކަންކަން ފުރިހަމަކުރުމަށް ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް އޭސީސީއަށް ފޮނުވާލައިފައެވެ.