މުހައްމަދު އައުޒަމް
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ވަސީމް އަކްރަމް، ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ބައްދަލުކުރައްވައިފިއެވެ.
އިބޫގެ އޮފީހުން ބުނީ ޕާކިސްތާނުގެ ސަފީރު އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ޒިޔާރަތުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިބޫއަށް މަރުހަބާ ވިދާޅުވުމަށް އެކި ގައުމުތަކުގެ ސަފީރުން ދަނީ އިބޫގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތްތައް ކުރައްވަމުންނެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވުމާއެކު ބޭރު ގައުމުތަކުގެ އިސް ލީޑަރުން ވެސް ގެންދަވަނީ އިބޫއަށް ގުޅުއްވާ މަރުހަބާ ވިދާޅުވަމުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ އިބޫއަށް ގުޅުއްވައި މަރުހަބާ ދަންނަވައިފައެވެ. އަދި ރާއްޖެ ވަޑައިގަތުމަށް އިބޫ ދެއްވި ދައުވަތު އިމްރާން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ވެސް ޕާކިސްތާން މީޑިއާތަކުން ބުނެއެވެ.