ޚަބަރު

މިއީ ހުޅަނގުގެ ވިއްސާރަ، ގަދަ ވަޔާއެކު ކަނޑުވެސް ގަދަވެ، ރަށްރަށަށް އުދައެރުން އެކަށީގެންވޭ: މެޓް

އިބްރާހިމް ޒަކީ

މިހާރު ފެށިގެން މި އުޅެނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖޭގައި ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށާއި، ހުޅަނގު މޫސުން މި މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު މެދުރާއްޖެ ތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި އާއްމުކޮށް ވައި ބާރުވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި، ގަދަ ވަޔާއެކު ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.