ޗޯގޯސްއަކީ ރާއްޖޭގެ ބައެއް ނޫން ކަމަށާއި އެތަން ހޯދަން މަސައްކަތް ކޮށްފައިނުވާނެ ކަަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިޓްލޮސްއިން ކުރި ހުކުމާ ގުޅިގެން ދިމްޔާތު ހޮޓަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ގާނޫނުތައް އެކުލަވާލި އިރު، އެ ގާނޫނުގައި ބަޔާންކުރާ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު މިހާރު ރާއްޖެއިން ގެއްލިފައިވާ ކަމަށެވެ.
ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ގާނޫނު އެކުލަވާލި އިރު، ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފައިވަނީ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލްމޭލަށް ކަމަށެވެ.
"ތިބޭފުޅާ ގެ މައިގަނޑުގެ ވާހަކަ އަކީ ކަލޭ ބަންޑާރަނައިބަކަށް ހުންނެވި އިރު ތި ޗާގޯސް އިން ފެށިގެން ކީއްވެހޭ ކްލެއިމް ނުކުރީ. އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ. އޭރުގައި އޮތް ވާޖިބަކީ އެއީ" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ސަރަހައްދު އެހެން އެއްވެސް ގައުމެއްގެ ސަރަހައްދަކާ ފުށުނާރާ ކަމަށާއި ފުށު އަރަނީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ކަނޑުން ކަމަށެވެ. އެގޮތަށް ފުށުއަރާނަމަ، ދެގައުމުގެ މެދުގައި ވާހަކަދައްކައިގެން އެއްބަސްވުމެއްގެ ދަށުން އެކަން ހައްލު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އައި 200 ނޯޓިކަލްމޭލް ސަރަހައްދު، މި ސަރުކާރުން ގަސްދުގައި އެކަމަށް ވަކާލާތުނުކޮށް ދޫކޮށްލީ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.