ޚަބަރު

ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފުލާއަށް ރައީސް ލަންޑަނަށް

މުހައްމަދު އިޝާން

އިނގިރޭސިވިލާތުގެ ރަސްގެފާނު ތަހުތަށް ވެޑުވުމުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަންޑަނަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ލަންޑަނަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ މަނިކުފާނާ އެކު އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ލަންޑަނަށް ވަޑައިގެންފައިވާ ކަމަށް ބުންޏެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު، ކޮމަންވެލްތުގެ ލީޑާސް އިވެންޓާއި ގައުމުތަކުގެ އިސްވެރިންނާ އެކު ބާއްވާ ރިސެޕްޝަނެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނގިރޭސިވިލާތުގެ ރަސްކަމާ ޗާލަސް ހަވާލުވެވަޑައިގެންނެވީ ރާނީ އެލިޒަބަތު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ޗާލްސްއަކީ އެކަމަނާގެ ދޮށީ ދަރިކަލުންނެވެ.

ރާނީ އަވަހާރަވި އިރު، އެކަމަނާގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

މީގެ 70 އަހަރު ކުރިން އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.

ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ވެސް ރައީސްގެ ދެކަނބަލުން ވަނީ އެގައުމަށް ޒިޔާރަތްކުރައްވައިފައެވެ.