އުމުރުން ދުވަސްވީ އަންހެނަކަށް އައިޖީއެމްއެޗުން ނުބައި އިންޖިކްޝަނެއް ޖެހުމުގެ ސަބަބުން އޭނާގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ބަލަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އައިޖީއެމްއެޗްގައި އެޑްމިޓް ކުރި 85 އަހަރުގެ ބަލި މީހެއްގެ އަތުގެ އިނގިލިތަކެއް ބުރިކޮށްލަން ޖެހުނީ އެ ހޮސްޕިޓަލުން ދިން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލު ކޮށްފައިވޭތޯ، އެފަދަ މައްސަލަތައް ބަލާ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ.
"މި ކޮމިޓީގެ ހޯދުންތައް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމުގައިވެސް ދަންނަވަން،" އައިޖީއެމްއެޗުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން އެ އަންހެން މީހާގެ ހަތަރު އިނގިލި ވަނީ ބުރިކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ވަނީ މިދިޔަ އާދިއްތަ ދުވަހު މަރުވެފައެވެ.