ޚަބަރު

މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް، އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި

1

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އައްޝައިޚު އިބްރާހީމް މުހައްމަދު، އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އަދާލަތު ޕާޓީން ވަކިވުމަށް އެ ޕާޓީގެ ރައީސަށް އެޑްރެސް ކުރައްވައި އިބްރާހީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މިހާރު އަދާލަތު ޕާޓީގެ ކަންތައްތައް ހުރި ގޮތުން އެ ޕާޓީގައި ހުރުމަކީ ބުއްދިއާއި އަދި އަދުލުގެ އުސޫލުތަކާ ވެސް މުޅީން ތައާޟުވާ ކަމަކަށްވާތީ މިއަދުން ފެށިގެން ޕާޓީގެ މެމްބަރު ކަމުން ވަކިކޮށްދިނުމަށް އެދޭ ކަމަށެވެ.

އިބްރާހީމް ވިދާޅުވީ 2015 ވަނަ އަހަރު ފެށުމަށްފަހު ފާޅުކަން ބޮޑުކޮށް ޕާޓީގެ އަސްލު މަގުސަދާ ހިލާފަށް ޕާޓީ އެނބުރިފައިވާތީ އެކިއެކި އިލްމުވެރިންނާ ހަރުކުލައިގެ ބޭފުޅުންގެ ޝަކުވާތައް ދިޔައީ ޕާޓީއަށް ކުރިމަތިވަމުން ކަމަށާއި ޕާޓީ ތެރޭގެ ފިކުރު ދެބައިވެ، ގަދަރުވެރި އެތައް ބޭފުޅުންނެއް މިވަނީ ޕާޓީގެ މިސްރާބާ މެދު ހިތްހަމަނުޖެހި ގޮސް، ނުހަނު ގިނަ މެމްބަރުންތަކެއް ޕާޓީ ވެސް ދޫކޮށްފައި ކަމަށެވެ.

"އެ ކަންބޮޑުވުމުގައި ހުއްޓައި ކުރިމަތި މިވީ މަޖިލިސް އިންތިހާބެވެ. އެހެންކަމުން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ ލަފާގެ މަތިން އަޅުގަނޑުގެ ދާއިރާ ކަމުގައިވާ މައްޗަންގޮޅީ މެދުން އިންތިހާބަށް ނުކުންނަން މަޝްވަރާ ލިބުމުން އަދާލަތު ޕާޓީގެ ޓިކެޓުގައި ނުކުމެވޭތޯ މަނިކުފާނަށް ފޮނުވާފައިވީ ސިޓީއަށް ޖަވާބު ނުދެއްވި ކަމުގައި ވިޔަސް އެ ދާއިރާއަށް ނުކުންނަން އެހީތެރިވެދޭ ކޮންމެ ބަޔަކާ ގުޅިގެން ވެސް ނުކުތުމަށްޓަކައި އެހެނިހެން ފަރާތްތަކަށް ވެސް ސިޓީ ފޮނުވީމެވެ. އެގޮތުން ދެން ތިބި ގިނަ ފަރާތްތަކުން އިޖާބަ ދެއްވައި އަޅުގަނޑު އެންޑޯޒް މިވަނީ ކޮށްދެއްވައިފައެވެ. އަދި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތާއެކު އަޅުގަނޑު މިދަނީ މި ގޮނޑި ކާމިޔާބު ކުރެވޭތޯ ހިތްވަރު ކުރަމުންނެވެ..،" އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ އަށް އިބްރާހީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް އިބްރާހީމް ވިދާޅުވީ އޭނާ ވާދަކުރައްވާ ދާއިރާއަކީ ގައުމުގެ ވެރިކަމުގައި ހުންނަވައިގެން ޝަރުއީ ބާރު ކަނޑުވާލުމަށްޓަކައި، ގާޒީއަކު ވަގަށް ނެގުމުގެ ސަބަބުން އެކަމާ ދެކޮޅަށް ރައްޔިތުންނާއެކު އަދާލަތު ޕާޓީ އިސްވެ އޮވެ، އިދިކޮޅު ހަދައި އެންމެ ފަހުން ޕްރެޝަރު ބޮޑުވެގެން އިސްތިއުފާ ދެއްވާފައި، ވެރިކަމުގެ މަސްއޫލިއްޔަތު އެއްލަވާލެއްވި ބޭފުޅާ ވެސް ކުރިމަތިލައްވައިގެން ހުރި ދާއިރާ ކަމަށެވެ.

"އެބޭފުޅާއަކީ އެކި މަގާމުތަކުގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާހަކަދައްކަވައި، ހަރަކާތްތައް ހިންގަވައި، ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަގެ އަބުރުފުޅަށް ކުޑައިމީސްވާނޭ ފަދައިން ބަސް ބުނެފައި ހުރި މީހަކަށް ވާތީ، ޚުދު މަނިކުފާނާއި އަދި ޕާޓީގެ އެންމެހާ އިލްމުވެރީން ވެސް އެކަންކަމަށް އިންކާރު ކުރައްވައި، އެކަންކަން ބަޔާންކުރައްވާފައިވޭ ބޭފުޅެކެވެ..،" އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ބަދަލު އައިގޮތަށް ކުރިން ދެއްކެވި ވާހަކަތައް އިދިކޮޅަށް ޖައްސަވައި، އެބޭފުޅާގެ ކުށެއްނެތް ފަދައިން އެބޭފުޅާގެ ދިފާއުގައި ވަކާލާތު ކުރަން ޕާޓީން ފެށި ކަމަށާއި ޝަރުއީ ހައްޔަރުން އެމަނިކުފާނު ވީއްލުމުގައި ވެސް އެންމެ އިސް ދައުރު އަދާކުރެއްވީ އެމަނިކުފާނާ މެދު ކުރިން އިދިކޮޅުވެދިޔަ ކަންކަން ނަފީ ކުރުމަކާ ނުލައި، ކުރިން ވެފައި ހުރި ކަންކަމާއި ދެއްކެވި ވާހަކަތަކަކީ ނުވާ ކަމެއްގެ ބީދައިން މުއާމަލާތް ހިންގަވަމުން ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ މި ދާއިރާއަށް ނުކުންނަން އިއުލާންކުރުމާ ގުޅިގެން ޕާޓީގެ އެންމެ އިސް ބޭފުޅުންނާއެކު ގާތްކަމާއި ދީނީކަމުގެ މަންޒަރުތައް ދައްކުވައި، ﷲ އަށްޓަކައި އެމީހެއް ދެކެ ރުޅިއަރާ ކަމަށް އޭރު ވިދާޅުވި ބޭބޭފުޅުންގެ މަންޒަރު ވެސް ބަދަލުވެގެން ދިޔަ ދިޔުމަށް އިތުރު ތަރުޖަމާއެއް ނެތްކަން ހިޔާމަޔާއެކު ފާހަގަކުރަން ޖެހޭ ކަމަށެވެ.

"އަދި އޭގެފަހުން އެބޭފުޅާގެ އަމިއްލަ އެޖެންޑާ ތައާރަފުކޮށްދީ، ބާރު ދިނުމުގެ ގޮތުން އެއް ޕެނަލަށް ޕާޓީގެ ރައީސް އަރުއްވައިދެއްވައި، މީގެ ކުރީން އެންމެ ތަފާތު ދެ ފިކުރެއްގެ ގޮތުގައި ހާމަކުރައްވަމުންދިޔަ ދެ ފިކުރަކީ ހަމަ އެއް ފިކުރެއް ކަމުގައި އާންމުކޮށް ދެއްކެވުމީ އަޅުގަނޑު ޟަމީރަށް ވަރަށް ބޮޑަށް ތުރާއާއި ހިތްދަތިކަން ލިބިގެންދިޔަ ކަމެކެވެ. އެއާއެކު މިކަމަކީ އަޅުގަނޑު އެކަނި ކަންބޮޑުވީ ކަމެއް ނޫންކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނޫއެވެ. ޕާޓީގެ އެންމެހާ އާންމު މެމްބަރުން ވެސް އެ ތިއްބެވީ މިކަންކަމާ ހައިންކަމެއްގެ ތެރޭގައެވެ..،" އިބްރާހީމްގެ ސިޓީގައި ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ މި އިންތިހާބުގައި ޕާޓީގެ ފަރާތުން ކޮންމެހެން ވެސް އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރި ވަގުތަކީ އޭނާއަށް ޕާޓީގެ އިސް ސަފުންނާއި އިލްމުވެރީން ތާއީދުކޮށް ވާގިދިނުމުގެ ބަދަލުގައި، ވާދަވެރި ޕާޓީގެ ފިކުރާ އިދިކޮޅު މެމްބަރަށް ވާގި ލިބޭނޭ ފަދައިން ޕާޓީ ތެރޭގެ ސިޔާސަތު ވެސް ހާމަކުރަމުންދާ ވަގުތުކަމަށްވެ، ޕާޓީގެ މީޑިއާ ބައެއް ބޭފުޅުންނާއި އަދި ބައެއް މެމްބަރުން ވެސް ޕާޓީތެރެއާއި ބޭރުގައި ވެސް އޭނާއާ މެދު ކިލަނބުކަން އުފެދޭ ފަދައިން ވާހަކަދައްކައި ހަދާން ފެށުމުން، ދެންވެސް ޕާޓީގައި މަޑުކުރުން ވެގެންދާނީ އަމިއްލަ އުސޫލުތަކާ ހިލާފުވެ، ނަފުސަށާއި ޕާޓީއަށާއި އަދި ދިވެހި ރައްޔިތުންނަށްޓަކައި އޭނާ ކުރާ ހިޔާނާތެއް ކަމުގައި އަމިއްލަ ނަފުސަށް މިއަދު ގަބޫލުކުރެވި ޔަގީން ވެއްޖެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟