މި ވެރިކަމުގައި ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއް ކަމުގެ ޔާގީންކަން އަރުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމެއްގެ ދާހިލީ ހަމަޖެހުމާއި އަމަން އަމާންކަން ބިނާވެފައި އޮންނާނީ އެގައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ކަމަށެވެ.
"ދިވެހި ފުލުހުންނަކީ އަބަދުވެސް ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ގާނޫނީ އިމުގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ދޭ ބަޔަކަށް ހެދުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު ވެރިކަން ކުރަމުން ދާނީ މިނިވަންކަމާއި އަމަންއަމާންކަން ގާއިމުކުރުމުގެ ފުރިހަމަ އިހްތިޔާރު ފުލުހުންނަށް ދެއްވައިގެން ކަމަށެވެ.
"އެހެންވީމާ ހުރިހާ ފުލުހުންވެސް ތެދުވެރިކަމާއެކު މަސައްކަތްކުރަންވީ ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.