ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ ހަރަކާތެއް: ޗީފް ގައިޑް

ގަރލް ގައިޑް ހަރަކާތަކީ ދިރިއުޅުމަށް ބޭނުންތެރި އެތައް ކަމެއް ދަސްވެގެންދާ މުހިންމު ހަރަކާތެއް ކަމަށް ޗީފް ގައިޑް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ހަވީރު މުލީއާގޭގައި ބޭއްވި ގަރލް ގައިޑްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިޑް ހަރަކާތުގެ ބައިވެރިން ފުރިހަމަ ކުރަންޖެހޭ ކޮންމެ ބެޖަކީވެސް އާންމު ދިރިއުޅުމުގައި ބޭނުން ހިފޭނެ ކޮންމެވެސް މުހިންމު ހުނަރަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ކޮންމެ ކަމެއް ހާސިލްކުރުމުގައިވެސް ހަމައެކަނި ބެޖް ފުރިހަމަ ކުރުމުގެ ވިސްނުން ދޫކޮށްލައި، އެކަމުން އާކަންކަން ދަސްކުރުމަށް ގައިޑުންނަށް އެކަމަނާ ނަސޭހަތްތެރި ވެވަޑައިގަތެވެ.

މިއަދު ބޭއްވި 2018 ވަނަ އަހަރުގެ ގަރލް ގައިޑް އަހަރީ އާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިނާމާއި ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކަށް އެތަކެތި ހަވާލުކޮށްދެއްވާފައެވެ.