ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ސަބަބުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ފަހަކަށް އައިސް، ފުލުހުން ސާބިތުކޮށްދެމުން ގެންދާ ޕްރޮފެޝަނަލް ނިޒާމާއި ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން އެ އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައިވާ ކަމަށެވެ.
"ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ސަބަބުތައް. މިދިޔަ އަހަރުތަކުގައި ރައްޔިތުންގެ ކުރިމަތީގައި މި މުއައްސަސާގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެ، އިތުބާރު ގެއްލިފައި. ނަމަވެސް މި ފަހަކަށް އައިސް، ފުލުހުން ސާބިތުކޮށްދެމުން ގެންދާ ޕްރޮފެޝަނަލް ނިޒާމާއި ގައުމީ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން އެ އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައިވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މި ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ހެޔޮ ބަދަލެއް އައި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ ފާހަގަކުރާ ކަމަށާއި އެކަމަށްޓަކައި ހުރިހާ ފުލުހުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ ދުވަހާއެކު އަޅުގަނޑުމެން ފަށައިފިން. ވެރިކަމުގެ 100 ދުވަހުގެ ތެރޭ ފުލުހުންނާ ގުޅޭގޮތުން ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައިވާކަން އަޅުގަނޑު ނުހަނު އުފަލާއެކު ފާހަގަކުރަން. މިދިޔަ ހަފްތާ ނިމިގެންދިޔަ ފުލުހުންގެ މަހާސިންތާއަކީ އޭގެ ތެރެއިން ވަރަށް މުހިންމު ބައެއް. އޭގެ އިތުރުން އެންވަޔަރަމަންޓް ޕޮލިސް ގާއިމުކޮށް، އަމަން ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުމުގެ ކަންތައް ވެސް ހަރުދަނާ ކުރެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަހާސިންތާގައި އާންމުން ބައިވެރިކުރަން ނިންމީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންނާ އެންމެ ގާތުން ދެވޭ ހިދުމަތަކަށް ހެދުމުގެ މަގުސަދުގައި ކަމަށާއި އާންމުންގެ ފަރާތުން މި މަހާސިންތާގައި 737 ހިޔާލު ލިބިފައިވާ ކަމަށެވެ.
"މިރޭ މި އިފްތިތާހުކުރި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނަކީ ފުލުހުންގެ މަހާސިންތާގައި ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އެކަށައަޅާފައިވާ ފަސް އަހަރުގެ ޕްލޭނެއް. ފުލުހުން ރަނގަޅު ކުރަންވީ ކަންކަމުގެ ތެރެއިން ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި އިސްކަންދޭނެ ފަސް ކަމެއް ވެސް މި ޕްލޭނުގައި ވަނީ ކަނޑައެޅިފައި،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މިއަހަރުން ފެށިގެން 2024 ގެ ނިޔަލަށް ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރައްވައިފައެވެ.