މުޖުތަމައުގެ އަމާންކަން ފުރިހަމަ ގޮތުގައި ދެމެހެއްޓޭނީ ކުށްކުރުމުން ކުށްވެރިޔާ ހައްޔަރުކުރަން ތިބުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުށަށް އަރައިގަންނަން މަގުފަހިވާ ކަންކަމަކީ ކޮބައިކަން ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައިގެން ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންނަށް ރައްކާތެރިކަން ލިބެނީ ފުލުހުންގެ ބުރަ މަސައްކަތްތަކާއި އެތައް ގުރުބާނީއެއްގެ ސަބަބުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ފުލުހުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަން އަޅުގަނޑު ފާހަގަކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް އެދެވޭގޮތުގައި ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ފުލުހުންގެ މުއައްސަސާގައި މަދު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.