ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ، އެތައް ގުނައެއް އަވަސް ކުރަން ޖެހޭ: ރައީސް

އަދުލު އިންސާފަށް ވާސިލުވުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ފުލުހުންގެ ތަހުގީގު ކަމަށާއި އެހެންވީމާ ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ، އެތައް ގުނައެއް އަވަސް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދުލު އިންސާފު ނުލިބުން ކަމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހެޔޮ އަސަރު، މުޖުތަމައުން މިހާރު އަންނަނީ ފެންނަމުން ކަމަށެވެ.

"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަދުލު އިންސާފު ނުލިބުން. އަދުލު އިންސާފަށް ވާސިލުވުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ ފުލުހުންގެ ތަހުގީގު. އެހެންވީމާ ފުލުހުންގެ ތަހުގީގުތައް މިހާރަށް ވުރެ، އެތައް ގުނައެއް އަވަސް ކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ރައްކާތެރިކަމާއި ހިދުމަތް ދޭ ބަޔަކަށް ވާނަމަ، ކޮންމެ ފުލުހެއްގެ މޫނުމަތިން ރައްޔިތުންނަށް ފެންނަންވާނީ ހިނިތުންވުމާއި އުފާވެރިކަން ކަމަށާއި ފުލުހަކާ ބައްދަލުވާ ހިނދު، ރައްޔިތު މީހާއަށް ކުރެވެން ވާނީ އަމާންކަމާއި ބިރެއް ނެތް ކަމުގެ އިހުސާސް ކަމަށެވެ.

"ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އިހުތިރާމާއި ލޯބި އުފެދެން ފަށާނީ މި ދެންނެވި އިތުބާރު އުފެދިގެން. ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ނެތްކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން މިހާރުވެސް އެންމެ ބޮޑު އިންވެސްޓެއް ކުރެވޭ އެއްބަޔަކީ ފުލުހުން. އެހެންވީމާ ފުލުހުންގެ ފަރާތުން ނަތީޖާ ފެންނަންވާނެ. އެއީ ހަމަޖެހިގެން އުޅެވޭނެ އަމާން މާހައުލެއް ގާއިމުވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މިއަހަރުން ފެށިގެން 2024 ގެ ނިޔަލަށް ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރައްވައިފައެވެ.