ޚަބަރު

ކުރިއަށް އޮތް ފަސް އަހަރު ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ރައީސް އިފްތިތާހުކުރައްވައިފި

އަހުމަދު ޖައިޝަން

މިއަހަރުން ފެށިގެން 2024 ގެ ނިޔަލަށް ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ސްޓްރެޓީޖިކް ޕްލޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކުރައްވައިފި އެވެ.

އެ ޕްލޭން މިރޭ އިފްތިތާހުކުރައްވާފައިވަނީ ފުލުހުންގެ 86 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކުރިއަށް ތައްޔާރުކޮށްފައިވާ ޕްލޭނަކީ މައިގަނޑު ހަތް ތީމަކަށް ބަހަލައިގެން ހަ ޕްރަޔޯރިޓީއަކަށް އަލިއަޅުވާލައިގެންނެވެ.

ރައީސް ސޯލިހު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކުރައްވަނީ --

ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން މުޖުތަމައުގެ ރައްކާތެރިކަމާއި ޖަމިއްޔާ ރީފޯމް ކުރުމާއި އޮޕަރޭޝަންތަކަށް ތައްޔާރީވުން ވަރުގަދަ ކުރުން ހިމެނެއެވެ. އޭގެއިތުރުން ކަނޑުތަކާއި މަގުތަކުގެ ރައްކާތެރިކަމަށް އިތުރު މަސައްކަތްކުރާނެ ގޮތްތައް ކަނޑައެޅުމާއި ލޯކަލް ޕޮލިސިންގެ މަސައްކަތް ކުރުމަކީވެސް އެ އެކްޝަން ޕްލޭންގައި ހިމެނޭ ޕްރަޔޯރިޓީއެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ދިވެހިންނަށް ފޯރުކޮށްދޭ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމަށް އިތުރަށް ތައްޔާރުވާނެ ކަމަށެވެ.

އޭގެ އިތުރުން އަތޮޅުތަކުގައި ފުލުހުންނާއި ރައްޔިތުން އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ ޕްލޭންގެ ދަށުން މަސައްކަތްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.